ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް 150،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެއީ އެ ޖަމިއްޔާއިން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ޕިންކް ރިބަން ރަން-ވޯލްކް އަށް ދެވުނު އެހީއެއް ކަމަށެވެ.

އެ އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ މިއަފު ހެނދުރު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ޓިމް ސޯޔާއެވެ.

އެ ފައިސާ ހަދިޔާ ކޮށްދެއްވުމަށް ފަހު ޓިމް ވަނީ ސީއެސްއެމްގެ ބައެއް މެންބަރުންނާއި އުރަމތީގެ ކެންސަރުން ފަރުވާ ހޯދައި ރަނގަޅުވެފައިވާ ފަރާތްތަކާއި އަދި މި ބަލިން ފަރުވާ ހޯދަމުންދާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުންވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާއެކު މަސައްކަތްކުރިކަމުގެ އިބްރަތްތެރި ވާހަކަތައް ހިއްސާކޮށްފައެވެ.

މިއަހަރުގެ ޕިންކް ރިބަން ރަން-ވޯލްކް ހަރަކާތް ބޭއްވުނީ ވާޗުއަލް އިވެންޓެއްގެ ގޮތުގައެވެ. އެ ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސާ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.