ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނައުމުގެ ސަބަބުން، ވިޔަފާރި ކުރާ ގަޑިތަކަށް ވެސް ބަދަލު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ގެޒެތު ކުރި އިއުލާނެއްގައި ބުނީ، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ ސަބަބުން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވަފައި ބެހެއްޓޭނެ ކަމަށް އެ އިއުލާނުގައި ބުނެއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން، މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވަ ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. ކުރިން ރޭގަނޑު 11:00 އިން ފަތިހު 5:00 އަށް އޮތް ކާފިއު ވަގުތު މިހާރު ވަނީ މެންދަމު 12:00 އިން ފަތިހު 5:00 އަށް ބަދަލުކޮށްފައެވެ.
ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ލުއި ދެމުން ގެންދަނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން ދިއުމާ ގުޅިގެންނެވެ. ކޮވިޑް-19ގެ ސަބަބުން ކުރިން އެޅި ހަރުކަށި ފިޔަވާޅުތަކުގެ ސަބަބުން އާންމު ފަރުދުންގެ އާމްދަނީއަށާއި ވިޔަފާރިތަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ކޮވިޑް ރިކަވަރީ ލޯން ސްކީމުގެ ދަށުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 391 ވިޔަފާރި އަކަށް ވަނީ ލޯނުގެ ގޮތުގައި 551.8 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި 1343 ކުދި ވިޔަފާރިއަށް ލޯނުގެ ގޮތުގައި 298.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ މަސައްކަތް ކުރާ 612 ފަރާތަކަށް ވަނީ 17.8 މިލިއަން ރުފިޔާ ދޫކޮށްފައެވެ.