ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރީޓެއިލާސް ފައިނޭންސިން އަށް ބަދަލު ގެނެސް ޕީއޯއެސްތަކުން 30،000 ރުފިޔާ، މަހެއްގެ މައްޗަށް ލިބޭ ވިޔަފާރިތަކަށް ލޯނު ލިބޭގޮތަށް ހަދައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެއް ކަމަށެވެ.

ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލަރސް ލޯނު ދޫކުރެވޭނެ ކަމަށާއި އެގޮތުން ލޯނު އަދި އޯވާޑްރާފްޓްގެ ގޮތުގައިވެސް ރީޓެއިލާސް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

ލޯނުގެ ޝަރުތުތަކަށް މިއަދު ގެނެވުނު ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަންޖެހޭ އާމްދަނީ މިވަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކުރެވިފައިވާ ކަމަށައި އެ ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

އެ ލޯނަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހެއެވެ. ނަމަވެސް މިއަދު ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިވަނީ އެންމެ ބޮޑަށް ގެއްލުންވެގެން ދިޔަ މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30،000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުމް މައުލޫމާތު ދެއެވެ.

އެ ލޯނާ ގުޅިގެން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގް، މޫސާ ނިމާލް ވިދާޅުވީ ކޮވިޑް-19 ގެ ވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުން އަޅާފައިވާ ކަމަށާއި ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ރީޓެއިލަރސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގއަށް މިފަދަ ބަދަލުތަކެއް ގެނެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މިފަ ދަތި އުނދަގޫ ހާލަތެއްގައިވެސް އެ ބޭންކުގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔުން ކަމަށް ނިމާލް ވިދާޅުވިއެވެ.

މި ލޯނުގެ ގޮތުގައި ބީއެމްއެލްއިން ދޫކުރާނީ، ޕީއޯއެސް މެދުވެރިކޮށް ކުރާ ވިޔަފާރީގެ ތިން ގުނައެވެ.