ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ފަތުރުވެރިން އަންނަން ފަށާފައި ވާއިރު، ނިމި ދިޔަ އޮކްޓޯބަރު މަހު އެންމެ ގިނައިން ފަތުުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާއިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 21515 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރަޝިއާއިން އައިސްފައި ވާއިރު، އެގައުމުން 5995 ފަތުރުވެރިން އައި ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކޭ އިންނެވެ. ޔޫކޭއިން 1780 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އެމެރިކާއިން 1449 ފަތުރުވެރިންނާއި އިންޑިއާއިން 1396 ފަތުރުވެރިންގެ އިތުރުން ފްރާންސުން ވެސް ވަނީ 1093 ފަތުރުވެރިން އައިސްފައެވެ. ޔޫކްރޭނުން 1033 ފަތުރުވެރިން އައިސްފައި ވާއިރު ޖަރުމަނުން 949، ޔޫއޭއީން 844، ސްޕޭނުން 608 އަދި ބްރޭޒީލުން 540 ފަތުރުވެރިން އައިސްފައި ވެއެވެ.

މީގެ އިތުރުން އެހެން ގައުމުތަކުން 5828 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި އަންނަ ފަރާތްތަކަށް އެތެރެ ވެވޭނީ، ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާއާ އެކުއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި މަހު 15 ވަނަ ދުވަހެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށް މިފުށަށް ޖެހިގެން ދިޔުމަށް ފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 120 ރިސޯޓާއި 65 ހޮޓާ އަދި ގެސްޓްހައުސްގެ އިތުރުން 121 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 32622 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1782 އެނދު އޮޕަރޭޓް ކުރަން ފަށާއިރު އެއީ ގެސްޓްހައުއްއަކާއި، 9 ރިސޯޓެކެވެ.