ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އުމްރާގެ އަޅުކަން މެދުކަނޑަލާފައި އޮތުމަށްފަހު އެކި މަރުހަލާތަކަށް ބަހާލައިގެން އުމްރާގެ އަޅުކަމަށް ލުއި ދެމުން ގޮސް، ބިދޭސީ އުމްރާ ވެރިންނަށް ސައުދީ އަރަބިއްޔާ ހުޅުވުމާލާފައި ވާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި 2 މިލިއަނެއްހާ މީހުން ރަޖިސްޓްރީ ކޮށްފައި ވާ ކަމަށް، ސައުދީ ޕްރެސް އޭޖެންސީއިން ހާމަ ކޮށްފިއެވެ.

އުމްރާ ވުމަށް އެދި ހުށަހެޅުމަށް ސައުދީއިން ވަނީ ހާއްސަ، ސްމާޓް ފޯނު އެޕްލިކޭޝަނެއް ތައާރަފު ކޮށްފައެވެ. މި 2 މިލިއަނެއްހާ މީހުންނަކީ، އެ އެޕްލިކޭޝަން މެދުވެރިކޮށް، ރަޖިސްޓްރީ ކުރި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ ސައުދީގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، މައްކާގައި ހުންނަ މާތް ވެގެންވާ މަސްޖިދު އަލް-ޙަރަމްގައި އަޅުކަން ކުރުމަށް އެދި، 900000 އެއްހާ މީހުން ވަނީ ހުށަހަޅާފައެވެ. މާތް ވެގެންވާ މުގައްދަސް 2 މިސްކިތާއި، މަސްޖިދު އަލް-ނަބަވީގެ އަލް-ރަވްދާ އަލް ޝަރީފާއަށް ޒިޔާރަތް ކުރުމަށް ވެސް ރަޖިސްޓްރީ ކުރަން ޖެހެނީ ސައުދީގެ ހާއްސަ އެޕް މެދުވެރިކޮށެވެ.

ލުއި ދިނުމުގެ މަރުހަލާއިން މިވަގުތަށް އޮތް އެންމެ ފަހު މަރަހާގެ ގޮތުގައި 3 ވަނަ މަރުހަލާ ތަންފީޒު ކޮށް، ބިދޭސީ އުމްރާވެރިންނަށް ސައުދީއިން މަރުހަބާ ކިޔަން ފެށީ މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން މުސްލިމުންގެ އެންމެ މުގައްދަސް މަސްޖިދުލް ޙަރަމްގައި އާންމުކޮށް ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. 4 ވަނަ މަރުހަލާއަކީ ކޮވިޑް-19ގެ ބަލިމަޑުކަން މުޅިން ނިމުމަކަށް އައުމުން ތަންފީޒު ކުރަން ފަށާ މަރުހަލާއެކެވެ.