"އިންޑިއާ އައުޓް"ގެ ޝިއާރު ކުރިއަށް ނެރެ، ބައެއް ފަރާތްތަކުން އަޑުތަކެއް ގަދަ ކުރަން ފެށީ، ދިވެހި ގައުމުގެ މިނިވަން ކަމާ އިސްތިގުލާލު، އިންޑިއާގެ އަތް މައްޗަށް ދޫކޮށްލުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމުގެ ތުހުމަތު ތަކަކާއެކުގައެވެ.

ހުއްޖަތެއްގެ ގޮތުގައި ދައްކަމުން ދިޔައީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެ އައުމާއި، އިންޑިއާ އަސްކަރިއްޔާގެ ކުރޫއެއް ރާއްޖޭގައި ގާއިމުވެފައި އޮތުމެވެ. އެ ކުރޫއެއް ރާއްޖޭގައި އޮތީ، ޑޯނިއާ ފްލައިޓް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓް ކުރާނެ ދިވެހި ކުރޫއެއް ނެތުމުން ކަމަށް ވާއިރު، ދިވެހި ކުރޫއިން ތަމްރީނު ނުކުރާ ކަމުގެ ތުހުމަތުތަކެއްވެސް ފެންމަތި ކުރިއެވެ.

އިންޑިއާ ހައިކޮމިޝަނަރުގެ ރައްދު

ދަ ޕްރެސްއަށް ދެއްވި އެކްސްލޫސިވް އިންޓަވިއު އެއްގައި، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު، ސަންޖޭ ސުދީރު ވަނީ، މި ތުހުމަތުތަކަށް ޖަވާބުދާރީ ވެވަޑައިގެންފައެވެ.

ދަ ޕްރެސްގެ ޓީމާއި ވާހަކަދައްކަވަމުން ސުދީރު ވިދާޅުވީ، ކެޕޭސިޓީ ބިލްޑް ކުރުން ނުވަތަ ދާއިރާއަށް ފަންނީ ތަމްރީނު ލިބިފައިވާ މީހުން އިތުރުކޮށްދިނުމަކީ އިންޑިއާއިން އެކި ގައުމުތަކާއެކު ދަމަހައްޓަމުން އަންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ އަސާސެއް ކަމަށެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދީރު

"ހުރިހާ އެއްބަސްވުމެއްގައި، އެއީ 2 ހެލިކޮޕްޓަރާއި، ޑޯނިއާ ފްލައިޓާ ގުޅުން ހުރި އެއްބަސްވުންތައް ކަމުގައި ވިއަސް، އޭގައި އޮންނާނެ ތަމްރީނުގެ ވާހަކަ. އެއީ އިންޑިއާއިން ތަމްރީނު ދޭން ބޭނުންވާތީ. އެމްއެންޑީއެފްގެ ތަމްރީނުތަކުގެ 70 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާއިން. އިންޑިއާއިން މިދަނީ ކެންޑިޑޭޓުން ތަމްރީނު ކުރަމުން" ސުދީރު ވިދާޅުވިއެވެ.

މި މޭރުމުން، ޑޯނިއާ ފްލައިޓަށް އިޝާރާތް ކުރައްވަމުން ހައި ކޮމިޝަނަރު އިތުރަށް ވިދާޅުވީ، މިހާރުވެސް ޕައިލެޓަކީ 2 ޓެކްނީޝަނުންނަށް ތަމްރީނު ފޯރުކޮށްދީފައި ވާނެ ކަމަށެވެ. އެ ޓީމަކީ، މިހާރު ހަނިމާދޫގައި ހަރަކާތްތެރިވާ ޑޯނިއާ ކުރޫގައި ހަރަކާތްތެރި ކަމާއެކު ބައިވެރިވާ ޓީމެއް ކަމަށްވެސް ސުދީރު ވިދާޅުވިއެވެ.

"އެހެން ވީމާ، ޕައިލެޓުން ތަމްރީނު ނުކުރެއޭ ބުނުމަކީ ގޯސް ބުނުމެއް. އެހެނެއް ނޫން، ފަހަރެއްގަ ވެދާނެ، ތަމްރީނު ކުރި މީހުން އެމްއެންޑީއެފްގެ ވަޒީފާ ދޫކޮށް، އެހެން މުއައްސަސާތަކާ ގުޅުނީ ކަމަށް" ސުދީރު ވިދާޅުވިއެވެ.

ފަންނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި އިންޑިއާގެ އަސްކަރީ ކުރޫއެއް ހަރަކާތްތެރިވަމުން ދާއިރު، އެ ކަމުގެ ތަފްސީލުތައް ހާމަ ކުރެއްވުމަށް ސުދީރު ވެސް ވަނީ އިންކާރު ކުރައްވާފައެވެ. ސުދީރު ވިދާޅުވީ އެއީ 'ސިއްރު' ލިޔެކިއުންތަކެއްގައި ވާ ސިއްރު މައުލޫމާތު ކަމަށެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ސުދީރު ވަނީ، މި އެއްބަސްވުންތަކަކީ، ދިވެހިރާއްޖެ ދުށް އެކި ސަރުކާރުތަކާ އެކު ވެފައިވާ އެއްބަސްވުންތަކެއް ކަން ކަންވެސް ފާހަގަ ކުރައްވާފައެވެ. 2011،2016 އަދި 2020 ގައި އިންޑިއާގެ ވައިގެ އުޅަނދުތަކެއް ރާއްޖެ ގެނެސްފައި ވާއިރު، މިއިން ކޮންމެ އުޅަނދެއްވެސް ރާއްޖެ ގެނެސްފައި ވާނީ، ރާއްޖޭގައި އެ އިރެއްގައި އޮތް ސަރުކާރަކުން، ރަސްމީ ސިފައެއްގައި، އިންޑިއާ ސަރުކާރުގެ ކިބައިން އެކަމަކަށް އެދުމުން ކަމަށްވެސް ސުދީރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ 3 ފްލައިޓަށް އިޝާރާތް ކުރައްވަމުން ހައި ކޮމިޝަނަރު ވަނީ، މި ފްލައިޓްތަކަކީ ދިވެހި ދިފާއީ ބާރުގެ 100 ޕަސެންޓް ކޮމާންޑްގެ ދަށުން އޮޕަރޭޓް ކުރާ ފްލައިޓްތަކެއް ކަމުގެ ޔަގީންކަން، ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

އިންސާނީ އެހީއަށް އަވަސް ކަޅިއެއް

ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ 3 ފްލައިޓަށް އިޝާރާތް ކުރައްވަމުން ސުދީރު ވަނީ، މި ވަސީލަތްތަކާއެކު ލިބެމުންދާ އިންސާނީ އެހީއާ މެދު ވިސްނާލުމަށް އިޝާރާތް ކުރައްވާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 250 މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައި ވާނެ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވެއެވެ.

ފުރާނަ ސަލާމަތް ކުރުމުގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ ކޮމާންޑްގެ ދަށުން އިންޑިއާގެ އެހީތެރުކަމާއެކު އޮޕަރޭޓް ކުރަމުންދާ ފްލައިޓްތަކަކީ ރާއްޖެ ހިމެނޭ އިގުތިސޯދީ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމާ، ރާއްޖޭގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުން ހައްގު ނޫން ބަޔަކު ވައްކަން ކުރުން ހުއްޓުވުން ފަދަ، އެތައް ފައިދާއަކާ މަންފާއެއް ލިއްބައިދެނިވި ދާއިރާތަކެއްގައި ހަރަކާތްތެރިވާ އުޅަނދުތަކެއް ކަން ސުދީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ހާލުދެރަވި ތުއްތު ކުއްޖަކު އެމްއެންޑީއެފްގެ ޑޯނިއާގައި މާލެ ގެންނަނީ / ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ރާއްޖޭގެ ވައިގެ އޮޕަރޭޝަންތަކަށް އަސްކަރީ މަތިންދާ ބޯޓެއް އެންމެ ފަހުން ގެނައީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާ، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާ ކުރުމަށާ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި (އެހެނިހެން) މަނާ ތަކެތީގެ ވިޔަފާރިއާ، އިންސާނީ ވަގުފާރި ހުއްޓުވުމަށާ، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމުގެ އިތުރުން، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމާ އަދިވެސް އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަން، ދިވެހި ދިފާއީ ބާރުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.