ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީތަކެއްގެ މުވައްޒަފުންގެ ރެންޑަމް ސާންޕަލް ނަގަން ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ދެރަވުމުގެ ސަބަބުން މަރުވެފައި ވަނިކޮށެވެ. ކަނޑިންމަ ރިސޯޓުގެ 50 މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގެ 30 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 52 ފަތުރުވެރިންނާއި 120 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.

ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،893 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،010 އަށް އަރާފައެވެ.