މިއަދަކީ ސްކޫލް ވެށީގައި ހިންގާ ހަމަނުޖެހުންތަކާ ބުލީގެ ހަމަލާތަކާ، ސައިބާބުލީގެ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ދުވަހެއް ފާހަގަ ކުރާ ފުރަތަމަ ފުވަހެވެ.

"ވައިލަންސް އެންޑް ބުލީންގް އެޓް ސްކޫލް، އިންކްލޫޑިންގް ސައިބާ ބުލީންގް" ގެ ނަމުގައި ހާއްސަ ދުވަހެއް ފާހަގަ ކުރުމަށް، 193 މެމްބަރުން ގެ މައްޗަށް އެކުލެވޭ ތައުލީމާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ) އިން ކަނޑައެޅީ، އެ ޖަމިއްޔާގެ 40 ވަނަ އާންމު ޖަލްސާގައެވެ.

ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އެޑިޓިއުޑް

ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖުގައި، ޔުނެސްކޯގެ ޑައިރެކްޓާ އޯޑްރޭ އަޒޫލޭ ވިދާޅުވީ، ކައިރި މާޒީ އަށް ބަލާއިރު، މި ފަހަކަށް އައިސް، އަފްގާނިސްތާނު، ބުރްކީނާ ފާސޯ، ކެމެރޫން އަދި ޕާކިސްތާނުގެ ސްކޫލްތަކަށް ދިން ހަމަލާތަކާ، ފަރަންސޭސިވިލާތުގައި ޓީޗަރެއްގެ ބޯބުރިކޮށް މަރާލި ހާދިސާއަކީ، ހުރިހާ ޒާތެއްގެ ހަމަނުޖެހުންތަކުން އިލްމީ ވެށި، ހިމާޔަތް ކުރަން ޖެހިފައި ވާ ކަން އަންގައިދެނިވި ހިތާމަވެރި ހާދިސާތަކެއް ކަމަށެވެ.

ސްކޫލް ވެއްޓަކީ ރައްކާތެރި މާހައުލަކަށް ހެދުމުގެ މާނައަކީ، ބުލީކުރުމުގެ ނުރައްކަލުންވެސް އެ ތަނެއް ސަލާމަތް ކުރެވުން ކަމަށާ، ސްކޫލް ވެށިން އަމާޒުވާ ބުލީގެ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ކުދިންނެއް، ޖިސްމާނީ އަދި ނަފްސާނީ ތަކުލީފާއި އަނިޔާ ތަހައްމަލު ކުރަމުން އަންނަ ކަމަށް އަޒޫލޭ ވިދާޅުވިއެވެ.

ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ވެރީވެލް ފެމިލީ

ބުލީކުރުމަކީ ގިނަ ފަހަރަށް އަޅާ ނުލެވި ދޫކޮށްލެވިފައި އޮންނަ ކަމެއް ކަމުގައި ވީ ނަމަވެސް، މިއީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަންޖެހޭ އަމަލެއް ކަމަށާ، މިއީ ވެސް ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ބަލިމަޑުކަމެއް ކަމަށް ޔުނެސްކޯގެ ޑައިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ޔުނެސްކޯއިން 144 ގައުމެއްގައި ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކޮންމެ 3 ދަރިވަރަކުން 1 ދަރިވަރު ވަނީ، ސާވޭ ކުރިއަށް ގެންދިއުމުގެ 1 މަސް ކުރިއަށް ވޭތުވި މުއްދަތުގައި ބުލީގެ ޝިކާރައަކަށް ވި ކަމަށް ރިޕޯޓް ކޮށްފައެވެ.

ޒޫމް ކުލާހުގައި ޓީޗަރަކަށް އަމާޒުކޮށް ބުލީކުރަމުންދިޔަ މަންޒަރު ގެ ސްކްރީން ގްރޭބެއް/ފޮޓޯ: އިންޑިއާ ޓުޑޭ

ބުލީކުރުމުގެ ސަބަބުން އެންމެ ފުރަތަމަވެސް އަސަރު ފޯރާ އެއް ކަމަކީ ދަރިވަރުގެ އިލްމީ ގާބިލިއްޔަތު ކަމެވެ. ބުލީގެ ޝިކާރައަކަށް ވާން ފަށާ ހިސާބުން ކުލާސްތައް މިސްކުރަން ފަށައެވެ. ނަތީޖާއަކަށް ވަނީ އިލްމީ ގޮތުން ހާސިލުވާން ޖެހޭ މިންގަނޑުތަކަށް ވާސިލުވުމުގައި ހުރަސްތަކެއް ކުރިމަތިވުމެވެ.

ދެން އޮތީ ނަފްސާނީ މައްސަލަތަކުގެ ވާހަކަ ކަމަށާ، ބުލީގެ ޝިކާރައަކަށް ވުމުން ރޭގަނޑުގެ ނިދިން މަހްރޫމުވެ، އަމިއްލައަށް މަރުވުމުގެ ފިކުރުތައްވެސް އުނދަގޫ ކުރަން ފަށާކަން، އަޒޫލޭ ވަނީ ފާހަގަކުރައްވާފައެވެ.

ސައިބާ ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސެން ފްރާންސިސްކޯ ޑިސްކްލެއިމާ

ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ސައިބާ ބުލީންގްގެ ވާހަކަވެސް އޮއްބާލެވެން ނެތްކަމަށް އަޒޫލޭ ވިދާޅުވިއެވެ. ވިލާތުގެ ގައުމުތަކުން އެއްކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އުމުރުން 11-16 އަހަރާ ދެމެދުގެ ކުދިން، ސައިބާ ބުލީގެ ޝިކާރައަކަށް ވީ މިންވަރު، 2010-2014 ވަނަ އަހަރާ ދެމެދު ވަނީ 12 ޕަސެންޓް އިތުރުވެފައެވެ.

މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް (ކޮޑިވް-19)ގެ ބަލިމަޑުކަމާއެކު ސްކޫލްތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުވިކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. އެހެންކަމުން، ސައިބާ ބުލީއާ ދެކޮޅަށް ކުރާ މަސައްކަތްތައް ދެގުނަ ވަރުގަދަ ކުރަންޖެހޭ ކަމަށްވެސް އަޒޫލޭ ވަނީ ގޮވާލައްވާފައެވެ. ސައިބާ ބުލީގެ ހަމަލާތަކަކީ "ވާޗުއަލް"، މަސްނޫއީ ދުނިޔެއެއްގައި ދޭ ހަމަލާތަކެއް ނަމަވެސް، އެކަމުގެ އަސަރު، ހަގީގީ ދުނިޔޭގައި ދަރިވަރުންގެ ސިއްހަތަށް ކުރާކަން ޔުނެސްކޯގެ ޑައިރެކްޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ސައިބާ ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސްމާޓް ޕްރޮޓެކްޓް

ސްކޫލް ވެށީގައި ހިންގާ ހަމަނުޖެހުންތަކާ ބުލީގެ ހަމަލާތަކާ، ސައިބާބުލީގެ ހަމަލާތައް ހުއްޓުވުމުގައި، ދަރިވަރުންނާއި، ބެލެނިވެރިން، އިލްމީ މުޖުތަމައުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެ ޒިންމާވެސް އެބައޮތް ކަމަށް އަޒޫލޭ ވަނީ ފާހަގަ ކުރައްވާފައެވެ.

"ވައިލަންސް އެންޑް ބުލީންގް އެޓް ސްކޫލް، އިންކްލޫޑިންގް ސައިބާ ބުލީންގް" ގެ ނަމުގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ފުރަތަމަ ބުރާސްފަތި ދުވަހެވެ.