އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިން ރެކޯޑް އަދަދަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އަންގާރަ ދުވަހު ދިއްލީއިން 6725 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ދިއްލީއިން އެއް ދުވަހާ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރި ކޭސްތަކެވެ.

ދިއްލީގެ ކޭސްލޯޑަށް ބަލާއިރު މިހާތަނަށް 403096 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ އިރު، 6652 މީހަކު ވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 360000 މީހަކަށް ޝިފާ ލިބި، ރަނގަޅުވެފައި ވާ ކަމަށްވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ވެރިރަށް ދިއްލީއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައި މިވަނީ، އިންޑިއާއިން ކޭސް ރެކޯޑް ކުރާ މިންވަރު، ޖުމުލަ ގޮތެއްގައި ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8.31 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.