ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގައި ހުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ގުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސޯލިހު ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ފުރާނަ ގުރްބާން ކުރައްވާ، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީހުން ދުވަހަކު ވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫން ކަން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޝަހީދު ހުސައިން އާދަމަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ އަރާ، ހިންގި އުދުވާނީ ޖަރީމާގައި ދިވެހި 19 ދަރިއަކު ވަނީ ޝަހީދު ވެފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ދެއްވެވި ހިތާބެއްގައި ވަނީ 1988، ނޮވެންބަރު 3ގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމު ހިމާޔަތް ކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އައުވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިމެނޭ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.