އިނގިރޭސި ވަލީއަހުދުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމަށް، މިއަހަރުގެ ކުރީކޮޅު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިވަޑައިގެންފައި ވާ ކަމަށް، ބީބީސީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ކަން މިހެން އޮތް ނަމަވެސް، ޕްރިންސް ވިލިއަމް، ކޮވިޑް-19އަށް ޕޮޒިޓިވް ވީ ކަނޑައެޅިގެން ކޮން ދުވަސްވަރެއްގައި ކަން ސާފެއް ނުވެއެވެ. އިނގިރޭސި މީޑިއާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޕްރިންސް ވިލިއަމް ވަނީ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ކޯލުތަކާއި ވީޑީއޯ މެސެޖުތަކުން "ބްރޭކެއް" ނަންގަވާފައެވެ.

ޕްރިންސް ވިލިއަމްގެ ރަސްމީ ގެކޮޅުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނުވިތާކަށް، މި ވާހަކަތައް އިންކާރު ކޮށްފައެއްވެސް ނުވެއެވެ.

ޕްރިންސް ވިލިއަމްގެ ބައްޕާފުޅު އަދި އިނގިރޭސި ވަލީއަހުދު، ޕްރިންސް ޗާލްސް ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ އޭޕްރިލް މަހުގެ ތެރޭގައި ކޮވިޑް-19ގެ ބަލި ތަހައްމަލު ކުރައްވާފައެވެ.