ކ. ދޫނިދޫގައި ހުންނަ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް އެންގި އެންގުމަށް އަމަލުކޮށްފައި ނުވާތީ އެކަމަށް ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާ ސާފުތާހިރުވުމުގެ ބޭނުން ކުރަމުންދާ ފެން ތަހުލީލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ބުއިމަށާ ސާފުތާހިރުވުމަށް ބޭނުން ކުރާ ފެނުގައި "ކޮލިފޯމް (ބެކްޓީރިއާ)" ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށާ އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެބަޔާނުގައި އިތުރަށް ބުނީ އެ ފެނަކީ ފެންވެރުމާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާ ފެން ބޭނުން ކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ވަނީ ލަފާ ވެސް ދީފައި ކަމަށެވެ.
އެހެންކަމުން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު 72 ގަޑިއިރުގެ ތެރޭގައި ހަމަޖައްސެމަށް އެޗްއާރްސީއެމުން ފުލުހުންނަށް އެންގީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އެޗްއާރުސީއެމްގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަން ވެސް އަންގާފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.
މިއަދު އެ ކޮމިޝަނުން ދޫނިދޫއަށް ގޮސް ހާލަތު ބެލުމުން އެތަނުގެ ފެނުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ފާހަގަވެފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.
އެހެންކަމުން، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގެ ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާނޫނު ނަންބަރު 6/2006 ހިއުމަން ރައިޓްސް ގާނޫނު ގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.