ކޮވިޑް-19 އާއި ގުޅީގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށްގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކެމްޕޭންކުރަން ހުރަހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ބަލި ފެތުރޭނޭ އެއްވެސް ގޮތަކަށް އަމަލު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސްކުރެވިފައިވާ އިންތިހާބު އަންނަ މާޗު މަހުގެ ކުރީކޮޅު ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވާ ފަރާތްތައް އަޕްޑޭޓް ކުރުމާއި ނަން އަނބުރާ ގެންދެވޭނެ މުއްދަތެއް ކަނޑައެޅުމާއި ރީރެޖިސްޓްރީގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަށް 4،172 އަށް ވުރެން ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް އޭގެ ތެރެއިން 71 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަނަހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.