ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުން ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައި ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް އިސްލާހު ގެނައުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ހަރަދު ބޮޑުނުވާނެ ކަމަށާއި، އިސްލާހު ހުށަހަޅާފައި ވާނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ބެހުމުގައި ހުރިހާ ޕާޓީއަކަށް ވެސް ލިބޭނެގޮތަށް ބަދަލުގެ ނައުމަށް ކަމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

މިހާރު ގާނޫނުގައި ވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާ ލިބެނީ ހަމައެކަނި 10،000 މެންބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.

އެގޮތުން 10 ޕާޓީ ހިންގަމުން އަންނައިރު މިހާރު ދައުލަތުން ފައިސާ ލިބެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ.