ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާ އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިން ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓޫރިސްޓުންނާއި މުވައްޒަފުން އައިސޮލޭޓް އަދި ކަރަންޓީން ކުރާނީ އެކަމަށް ހާއްސަކުރާ ރިސޯޓުގައި ކަމަށެވެ.
އެގޮތުން ކަރަންޓީނުގެ ގޮތުގައި ކަނޑައެޅޭ އެ ރިސޯޓަކީ އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، ނުވަތަ ކ. އަތޮޅެއްގައި އޮންނަ ރިސޯޓަކަށް ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ ރިސޯޓަކަށް ވެފައި މަދުވެގެން 50 އެނދުގެ ޖާގައެއް އޮތް ރިސޯޓަކަށް ވާން ޖެހެއެވެ. އަދި ރިސޯޓުގައި ކަރަންޓީން ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާންޖެހޭނެ ކަމަށާ އެ ރިސޯޓް ތިން މަސް ދުވަހަށް ވުރެ މަދު ނޫން މުއްދަތަކަށް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރު 10، ވާ އަންގާރަ ދުވަހުގެ 13:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ނޮވެމްބަރު 16، ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އަދި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 9، ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އަށް ބައިވެރިވާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، ފޮނުވުމަށް ވަނީ އެދިފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 18 ރަށެއްގައެވެ. އަދި 27 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 35 ފަތުރުވެރިންނާއި 81 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.
އެގޮތުން ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާއިރު ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށުގައި އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އިއްޔެ ހަވީރުން ފެށިގެން ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.