ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިން ތައުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާ، އީޕީއެސް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ސްކޫލު ދައުރުގެ ހަނދާންތައް އާކުރައްވާ، އީޕީއެސް ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރި ގިނަ ގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އެ ގޮތުން އީޕީއެސް ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ގައުމުގެ ޒިންމާދާރު އެކި އެކި މަގާމުތަކާ މަސައްކަތްތަކުގައި ހިދުމަތް ކުރަމުންދާކަން ނައިބު ވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ދަރިވަރުންގެ ތައުލީމާ ތަރުބިއްޔަތަށް އީޕީއެސް ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވާ އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާ މުދައްރިސުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެޖަލްސާގައި ނައިބު ރައީސް ވަނީ އީޕީއެސް ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީޕީއެސް ހަނދާން" މަޖައްލާ ވެސް ރަސްމީ ގޮތުން އިފްތިތާހް ކޮށްދެއްވާފައެވެ.

އީޕީއެސް ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.