އަވަށްޓެރި އިންޑިއާގެ ބާޒާރުތަކުގައި، ގޮދަން ފިޔަވާ ޒާރޫރީ ކާބޯތަކެތީގެ ރީޓެއިލް އަގުތައް، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ އަލުވީގެ އަގެވެ. އެގޮތުން، އިންޑިއާގެ ބާޒާރުތަކުގައި އަލުވީގެ އަގު، ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި 92 ޕަސެންޓް އުފުލިފައި ވާއިރު، ދެން އެންމެ ބޮޑުތަކުން އަގު އުފުލުނީ ފިޔާގެ އަގެވެ. ފިޔާގެ އަގުން 42 ޕަސެންޓް ބޮޑުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ބާޒާރުތަކުގައި ޒަރޫރީ ކާބޯތަކެތީގެ އަގުތައް އުފުލެމުން ދިއުމާއެކު، މިއީ ސިޔާސަތުތަކުގެ އުޅޭ މައްސަލަ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވަނީ، މިއީ ވަގުތީ ކަމެއް ކަމަށާ، ސަޕްލައި އިތުރުވުމާއެކު މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ ކޮންޒިއުމާ އެފެއާޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަލުވީގެ ހޯލްސޭލް އަގުތަކުން 108 ޕަސެންޓް އުފުލިފައިވެއެވެ. މީގެ 1 އަހަރު ކުރިއާ އަޅާ ބަލާއިރު، ފިޔާގެ ހޯލްސޭލް އަގުތައްވެސް ވަނީ 47 ޕަސެންޓް އިތުރު ވެފައެވެ.

މީގެ އިތުރުން، ތަރުކާރީ، އެއްގަމު މަސް އަދި ކަނޑުމަހާއި މުގުގެ ބާވަތްތަކުގެ ރީޓެއިލް އަދި ހޯލްސޭލް އަގުތައްވެސް ވަނީ އުފުލިފައެވެ.