ސިއްހީ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭނާއަށް ލިބިބަޑައިގެންނެވި ހެޔޮދުއާގެ މެސެޖުތަކަށާއި ފޯން ކޯލްތަކަށް ޝުކުރު ދަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާއަށް ހެޔޮދުއާގެ މެސެޖުތަކާއި ފޯނު ކޯލްތައް ކުރި ފަރާތްތަކަށް ނުހަނު ލޯތްބާއެކު އޭނާއާއި އޭނާގެ އާއިލާގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަޖިލީހުގައި ހުންނަވަނިކޮށް އޭނާގެ ސިއްހީ ހާލު ގޮސްވެ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ދެއްވުމުގައި ހަރަކާތްތެރިވެ ދެއްވި މަޖިލިސް މެންބަރުންނަށާއި ދެ ހޮސްޕީޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިންނަށް ހާއްސަ ޝުކުރެއް ދަންވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހާލު الحمد للہ މިހާރު ވަރަށް ބޮޑަށް ރަނގަޅު. ހުރިހާ ބޭފުޅުންގެ ހެޔޮދުއާގެ މެސެޖު އަދި ފޯންކޯލްތަކަށް ނުހަނު ލޯތްބާއިއެކު އަޅުގަނޑު އަދި އާއިލާގެ ނަމުގައި ޝުކުރު ދަންނަވަން."
އަހުމަދު ޝިޔާމް

ދާދި ފަހުން ސިއްހީ ހާލު ދެރަވެ، ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ. އެއީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހުންނަވަނިކޮށް ކުއްލިއަކަށް ހާލު ދެރަވުމުގެ ސަބަބުންނެވެ. އޭނާގެ ޓެސްޓުތައް ހަދުމަށް އޭޑީކޭ ހޮސްޕިޓަލުގެ އޮބްޒާވޭޝަންގައި ބާއްވައިގެން ވަނީ ފަރުވާ ދީފައެވެ. އެއަށްފަހު ހަމައެރޭ ޝިޔާމް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް 3 ދުވަސް ވަންދެން އެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދީފައެވެ.

ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓެސްޓުތައް ހެދި އިރު ޝިޔާމް ވަނީ ކޮވިޑް ވެސް ޓެސްޓު ކުރައްވައިފައެވެ. އެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ޝިޔާމްގެ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން އޭނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ޝިޔާމް ވަނީ އެކަން ދޮގު ކުރައްވައި ފައެވެ. އަދި އޭނާގެ ސިއްހީ ހާލު ގޯސްވި ސަބަބު ހެދި ޓެސްޓުތަކުން ވެސް ދެނެގަނެވިފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަނދައަށް އަނިޔާވެ އޭޑީކޭއިން ވަނީ ފަރުވާ ހޯއްދަވާފައެވެ. އޭރު ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށް ޕީޕީއެމުން ބުނެފައި ވަނީ ޝިޔާމްގެ އުނަގަނޑާ މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ވާ ކަމަށެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެއް މަސް ދުވަސް ބެޑް ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ.