ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ގިރިފުށީ ޓްރޭނިން ސެންޓަރަށް ވަޑައިގެން އެ ތަނުގައި ކުރިއަށް ދިޔަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސީނިއާ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ބައްލަވާލައްވައިފިއެވެ.

ރައީސް ސޯލިހު އަރިހުގައި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ގިރިފުށްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް އަބްދުލް ލަތީފުއެވެ. އަދި އަރިހުގައި އެމްއެންޑީއެފްގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މިއަދު ގިރިފުށީ ޓްރޭނިން ސެންޓަރު އަލުން ހުޅުވީ ގިރިފުށީގައި ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަ ކޮށްފައި ވާ ކަންތައްތަކުގެ ތަފްސީލު އެމްއެންޑީއެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސް އާ ހިއްސާކޮށްފައެވެ.

މިއަދުގެ އެ ހަރާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ވެސް ރައީސް އަށް ވަނީ ދައްކާލާފައެވެ. އަދި އެމްއެންޑީއެފްގެ ވެޕަންސް އިންސްޓްރަކްޓަރެއް ވަނީ ރައީސްއަށް ހަތިޔާރުތަކާ ގުޅޭ މައުލޫމާތު ވެސް ދެއްވާފައެވެ. އޭގެ އިތުރުން، ރައީސް ވަނީ ޓާގެޓްތައްވެސް ބައްލަވާލައްވާފައެވެ.

އެމްއެންޑީއެފް އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.