ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކޮށް ގަވާއިދު އެކުލަވާލައިފިއެވެ.

އެ ގަވާއިދުގެ މަގުސަދަކީ، ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަންގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގަވާއިދުގައި ތިން ގޮތަކަށް ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތައް ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީކުރުން ލާޒިމުވާނެ ކަމަށް ބުނެފައިވެއެވެ.

އެއީ ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފާފައިވާ ތަންތަނާއި ދިވެހި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް ގެ "Registration Activity Business"ގެ ހިދުމަތް މެދުވެރިކޮށް ކަމަށެވެ.

ގަވާއިދުގެ ދަށުން، ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާ ތަންތަނުގައި، އެ ހިދުމަތް ދޭހައި ހިނދަކު، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެންޖެހޭނެއެވެ.

ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހިދުމަތް ދޭ ތަންތަނުގައި ބައިތިއްބާ ބިދޭސީ މުވައްޒަފުންނަކީ، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމަށްފަހު ރާއްޖޭގައި މަސައްކުރާ ބިދޭސީންކަން، ހިދުމަތް ދޭ ފަރާތުންކަށަވަރުކުރަން ޖެހޭނެއެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމަށް އެދޭ ކޮންމެ ފަރާތަކުން 500 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެއެވެ.

އެ ގަވާއިދުގައި އިތުރަށް ބުނީ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސައި ދިނުމުގެ ހިދުމަތުގެ ވިޔަފާރި ހަރަކާތް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނު ގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ހިލާފުވިކަމަށް ބަލައި އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ގަވާއިދުގެ ދަށުން ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ހިދުމަތުގެ ވިޔަފާރި ހަރަކާތް ހިންގުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން، ރަޖިސްޓަރީކޮށްފައިވާ އެކޮމަޑޭޝަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމަށް ބަޔާންކޮށްފައިވާ މިންގަނޑުގައިވާ ކަމެއް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެގަވައިދުގައި ބުނެއެވެ.

މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށްފަހުގައި ވެސް، އެ ގަވާއިދާ ހިލާފަށް ވިޔަފާރީގެ ހަރަކާތްތައް ކުރިޔަށްގެންދާ ކޮންމެ ފަރާތެއްގެ ރަޖިސްޓަރީ ބާތިލުކޮށް، ތަނުގެ ތަފުސީލު، ގެޒެޓުގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށް ގަވައިދުގައި ބުނެއެވެ.

އެގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި އެ ގަވާއިދު ޝާއިއުކުރާތާ 30 ދުވަސް ހަމަވާ ތަރީހުގައި ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.