ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމުގެ މުހުލަތު، ނޮވެމްބަރު 30 ނިޔަލަށް އިންޑިއާއިން ދަންމާލައިފިއެވެ.

އިންޑިއާގެ ވައިގެ އުދުހުންތަކާ ބެހޭ މަރުކަޒީ އިދާރާއިން ވަނީ ނޮވެމްބަރު މަހުގެ 30 ގެ ނިޔަލަށް ބައިނަލްއަގުވާމީ ކޮމާޝަލް އުދުހުންތަކަށް އިންޑިއާގެ ބޯޑަރު ބަންދު ވާނެކަން އިއުލާން ކޮށްފައެވެ.

އިންޑިއާއިން އާންމުކުރި ރަސްމީ ބަޔާނުގައި ބުނެފައި ވާ ގޮތުން، ކޮމާޝަލް އުދުހުންތަކަށް ބޯޑަރު ބަންދު ނަމަވެސް، ކާގޯ އޮޕަރޭޝަންތަކާ، ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު އޮޕަރޭޓް ކުރާ ބައިނަލްއަގުވާމީ ފްލައިޓްތަކަށް، އެ ގައުމަށް ވަދެ ނިކުމެ އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ޝެޑިއުލްކޮށްގެން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކުގެ ރޫޓު ކަނޑައަޅާނީ އެންމެ އެކަށީގެންވާ މަގު ބެލުމަށްފަހު، ކޮންމެ ކޭހެއް ވަކިން ކަމަށްވެސް ބަޔާނުގައިވެއެވެ.

އިންޑިއާއިން މިހާރު ވަނީ ދަތުރުފަތުރު ކުރުމަށް ރައްކާތެރި ކަމަށް ބުނާ "އެއާ ބަބްލް" އެއް ތައާރަފު ކޮށްފައެވެ. މި ބަބްލްގައި ގިނަ ގައުމުތަކެއް ހިމެނޭއިރު، އެ ލިސްޓުގައި ދިވެހިރާއްޖެވެސް އޮވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ނަމުގައި އިންޑިއާ ލޮކްޑައުންއަށް ދިއުމާއެކު ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް މެދުކަނޑާލީ މާޗް 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މެއި 25 ވަނަ ދުވަހު، އެތެރޭގެ އުދުހުންތައް ވަނީ ފަށާފައެވެ.