މާލޭ ސަރަހައްދުގައި ކޮވިޑް ބައްޔަށް މީހުން ހުށަހެޅިފައިވާ މިންވަރާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ ސީރޯސާވޭލަންސް ދިރާސާއަށް ގުރުއަތުން ހޮވިފައިވާ ބައިވެރިން ސާމްޕަލް ދިނުން ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކުރިއަށް އޮތް ބުރާސްފަތު ދުވަހާ ހުކުރު ދުވަހަކީ ބަންދު ދުވަހެއް ކަމުން އެ ދުވަސްތަކުގައި ސީރޯސާވޭލަންސް ދިރާސާއަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެހެންކަމުން ދެން ސާމްޕަލް ނަގާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 7:00 އާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ޓެސްޓު ކުރުމަށް މާލޭ ސަރަހައްދުގެ ބައެއް ތަންތަނުގައި ސްޓޭޝަންތަކެއް ބެހެއްޓިފައި ހުންނާނެއެވެ. އެގޮތުން މާލޭގައި ސްޓޭޝަންތައް ގާއިމް ކޮށްފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ގައެވެ. ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލްގައި ސްޓޭޝަން ހުންނައިރު ވިލިމަލޭގައި ސްޓޭޝަން ހުންނާނީ ވިލިމީލެ ހޮސްޕިޓަލް ގައެވެ. މީގެ އިތުރުން ބަލިހާލު ހުރިގޮތުން ޓެސްޓް ކުރާތަނަށް ނުދެވޭ ހާލަތެއްގައި ހުރި މީހެއް ނަމަ، އެމީހެއްގެ ގެއަށް ގޮސް ސާމްޕަލް ނަގައި ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭ ނަގައިގެންނެވެ. ލޭ ނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ސިއްހީ ދާއިރާގެ މީހުންނެވެ. ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާ އެއްގޮތަށެވެ.

މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑަށް ކޮވިޑް ބަލި ހުށައެޅިފައި ވޭތޯއާއި އެ ވައިރަސްއަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެއެވެ. އަދި އެ މީހެއްގެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާ ކުރެވޭނެއެވެ. މި ދިރާސާގައި ގުރުއަތުން ހޮވާލެވޭ ބައިވެރިން ދިރާސާގައި ބައިވެރިވުމުގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ، ލޭ ނަގަން ދާންޖެހޭނެ ދުވަހާއި ގަޑި ފޯނަށް މެސެޖަކުން ފޮނުވާނެއެވެ. އަދި ދިރާސާގެ ނަތީޖާއާ ގުޅިގެން ބައިވެރިވި މީހާ އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ.