މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައުޒޭޝަން (އެސްޓީއޯ) އަށް 100 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.

އެސްޓީއޯގެ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އާ އަޅާ ބާލައިރު މި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 100 މިލިއަން ރުފިޔާއަކީ 5 ޕަސެންޓް އިތުރު ވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައި ވަނީ 94 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

އަދި މި ކުއާޓަރުގައި ޖުމްލަ އާމްދަނިއެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަައެވެ. އެ ކުންފުންޏަށް މި ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ރިޕޯޓުން ދައްކައެވެ. އެގޮތުން ވިޔަފާރި ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި އެސްޓީއޯއިން 19 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ. އެ ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުންނެވެ. އެއީ 818 މިލިއަން ރުފިޔާއެވެ. އަދި އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެ ކުންފުނީގައި 2,057 މުވައްޒަފުން މަސައްކަތް ކުަރަމުންދާ ކަމަށް ދައްކައެވެ. މީގެތެއިން 1,666 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ގޮތުގައި 391 މީހުން މަސައްކަތް ކުރެއެވެ. އެސްޓީއޯއަކީ ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ.