ދިވެހި ދައުލަތް މިއޮތީ އެޅިހައި ބަތަކަށް ރިހަވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން އަދުރޭ ވަނީ ހާމަ ކުރަންޖޭ މައުލޫމާތެއް މި ސަރުކާރުގައި އޮތް ތޯ ވެސް ސުވާލު ކުރައްވާފައެވެ. އަދި ދިވެހިންނަަށް މިހާރު މި ފެންނަނީ އަދިރި ދައުލަތަކުން ފެންނަމުން ދާނެ ސިފަތައް ކަމަށާއި އަދި ދައުލަތް މިއޮތީ އެޅިހައި ބަތަކަށް ރިހަވެފައި ކަމަށް އަދުރޭ ވިދާޅުވެއެވެ. އަދި އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ކިއި ހާ ޅެން ފަރިއްސައް ވެ ނިމުނީ ތޯ" ވެސް ސުވާލު ކުރައްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދުމަށް ދިޔަރެސް ނޫހުން ކުރި މަސައްކަތާ ގުޅިގެން އައިކޮމް ގައި ބޭއްވި އަޑު އެހުމުގައި، އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސަން ފިޔާޒް މޫސާ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު ބޭއްވުނު ސިއްރު ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ޑިފެންސުން ހިއްސާކޮށްފައި ވާ ކަމަށް އިއްޔެގެ އަޑުއެހުމުގައި އައިކޮމުން ވަނީ ބުނެފަވެ. އަދި އެ ގާނޫނީ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތެއް ކަމަށާ އެ މައުލޫމާތަކީ ހިއްސާ ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އައިކޮމްއިން ނިންމިއެވެ.

ރާއްޖޭގައި މިހާރުވެސް ދުއްވާ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާ ގުޅިގެން ހިންގާ ތަމްރީން ތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރި ވެފައެވެ.