އައްޑޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްލި އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހާގެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާ ،ޒާތަށާ، މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރަށް ބަދަލު ގެނެސް މިއަދުން ފެށިގެން އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއޭގެތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި މީހުން ވަނީ ދޫކޮށްލާފައެވެ.
މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އެއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.
ފުލުހުން ބުނެފައި ވަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ އަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށް 2019 ސެޕްޓެމްބަރު 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އެއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުން ފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާއި ހިއްސާކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.