ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ ކޮންޓްރޯލް ދޫކޮށްލުމަކީ ނުރައްކާ ކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސުސް އިންޒާރު ކުރައްވައިފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ސިޔާސީ ކުރުން ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.

ސައެންސް ދަނީ ވައިރަހާ ބެހޭ މައުލޫމާތާއި، ވައިރަސް ކޮންޓްރޯލް ކުރާނެ ގޮތާ، ހުއްޓުވާނެ ގޮތާ، އެނބުރި އަންނާނެ އައުން ހުއްޓުވާނެ ގޮތާ، ވައިރަހުގެ އަސަރު ކުރާ މީހުންގެ ފުރާނަ ސަލާމަތް ކުރަން ކުރެވިދާނެ މަސައްކަތްތައްވެސް ބުނެދެމުން ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ގިނަ ގައުމުތަކަކުން އަމަލު ކުރަމުން ދިޔައީ ސައެންސް ދެއްކި މަގުން ކަމަށާ، ވައިރަސް ކޮންޓްރޯލް ކޮށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށް ކުރުމުގައި މި ގައުމުތަކަށް ކާމިޔާބީތަކެއްވެސް ހޯދިފައި ވާ ކަން ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ. މިކަމުގައި އެހީއަކަށް ވަނީ ހަލުވި ފިޔަވަޅުތަކެއް އަޅަންކެރޭ ލީޑާޝިޕެއް ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ކޮންޓްރޯލް ދޫކޮށްލުމަކީ ނުރައްކާ ކަމެއް ކަމަށް ވިދާޅުވެ ޑރ ޓެޑްރޯޒް ވާހަކަދައްކަވާފައި މިވަނީ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެމެރިކާ ފެއިލްވެފައި ވާ ކަމަށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޗީފް އޮފް ސްޓާފް އިއުތިރާފުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯޒް ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތީ ވެކްސިންއާއި ފަރުވާ ހޯދިގެންނެވެ.

ޗައިނާއިން ފުރަތަމަ ކޭސް ރިޕޯޓް ކުރަން ފެށި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެމެރިކާއާއި ޑަބްލިއުއެޗްއޯއާ ދެމެދު، ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެމެރިކާއިން ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލާފައެވެ. މި ކަމަށް އަމަލީ ސިފަ އަންނާނީ އަންނަ އަހަރުގެ ތެރޭގައެވެ.