ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ކޯލިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 11 މެމްބަރުންގެ ސޮއި އާކުއެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ނުވަ މެންބަރަކު މަޖިލީހުގައި ތިބިއިރު އަމިއްލަ ދެ މެންބަރަކު ވެސް ވަނީ އެމައްސަލައިގެ ގަރާރުގައި ސޮއިކޮށްފައެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ސަފާރީ ރޭޕް ކޭސް އާ ގުޅިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން އަށް ގިނަބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.
އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.