ގަތަރުގެ ދޯހާއިން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރު ކުރަން ހަމަޖެހިފައި އޮތް ފްލައިޓަކަށް ބޯޑު ކުރަން ދިޔަ އޮސްޓްރޭލިއާގެ އަންހެނުން ތަކެއް އެކަހެރި ކޮށް، އަންނައުނު ބާލުވައިގެން ގަތަރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރިއަށް ގެންދިޔަ ވަރުގަދަ ޗެކަޕްތަކާ ގުޅިގެން، އޮސްޓްރޭލިއާ އިން ގަތަރާ ދެކޮޅަށް "ސީރިއަސް ކަންބޮޑުވުން ތަކެއް" ފާޅު ކޮށްފިއެވެ.

ހަބަރު ލިބޭ ގޮތުގައި މިހާ ވަރުގަދަ އަށް ޗެކަޕް ތަކެއް ކުރިއަށް ގެންގޮސްފައި ވަނީ، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލެއްގެ ފާހާނާ ތެރޭގައި، އަލަށް އުފަންވި ތުއްތު ކުއްޖަކު އެއްލާލާފައި އޮއްވާ ފެނުމާ ގުޅިގެންނެވެ. މި ތުއްތު ކުއްޖާ ފެނުނީ އެ އެއާޕޯޓްގެ މުވައްޒަފަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ހަރުކަށި އުސޫލުތަކެއްގެ ދަށުން، އޮސްޓްރޭލިއާގެ 13 އަންހެނެއްގެ ޗެކަޕްތައް ހަދާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު، ގަތަރު އެއާވޭޒްގެ ފްލައިޓަކަށް ބޯޑު ކުރަން ދަނިކޮށް، އެމްބިއުލާންސް އަކަށް އަރުވައިގެން މި ހުރިހާ އެންމެން ގެންގޮސް، އެންމެ އެތެރެއިން ލާ ޖަންގިޔަލަށް ދާންދެން ބާލުވައިގެން، ބަލަން ޖެހޭ ކަންކަން ބަލާފައި ވާ ކަމަށް ޚަބަރު ލިބެއެވެ. މިފަދަ ގޮތަކަށް އެމީހުންގެ ހަށިގަނޑު ބަލާ ފާސް ކުރީ ކީއްވެކަން ދުރާލާ އަންގާފައި ނުވާ ކަމަށްވެސް ވެއެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ، ގަތަރުގެ ކަމާ ބެހޭ ފަރާތްތަކަށް މިމައްސަލަ ހުށަހަޅާފައެވެ.

ނިއު ސައުތު ވޭލްސްގެ ފުލުހުން ބުނީ ގަތަރުން އައި އަންހެނުން މިހާރު ކަރަންޓީނުވެސް ފުރިހަމަ ކޮށްފައި ވާ ކަމަށާ، ކަރަންޓީނުގައި ތިބި ދުވަސްވަރު، އެމީހުންނަށް ބޭނުންވި ނަފްސާނީ އެހީތެރިކަން ވެސް ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން ގަތަރު އެއާވޭޒްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ތުއްތު ކުއްޖާ ނިސްބަތްވާ ބެލެނިވެރިއަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ހޯދިފައި ނުވާ އިރު އެއާޕޯޓުން ދަނީ މި ތުއްތު ކުއްޖާގެ މައިމީހާ ހޯދަމުންނެވެ. މިވަގުތު އެކުއްޖާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެމުން ދަނީ ގަތަރުގެ މެޑިކަލް އަދި ސޯޝަލް ވޯކަރުންނެވެ.