ރަސޫލުންނާއި ނަބީ ބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އެކަމުގެ ސަބަބުން އެ ބޭކަލުންނަށް އެއްވެސް ގެއްލުމެއް އެކަމުގައި އޮތް ކަމެއް ނޫން ކަމަށާ، ނަމަވެސް އެ ފަދަ އަމަލުތައް ހިންގުމަކީ، އިންސާނީ ހަޟޯރާތުގައި ނަފުރަތު އުފެއްދުމަށް ބޭނުންވެފައި ތިބި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުންނަށް ދެވޭ ދައުވަތެއް ކަމަށް ސައުދީ އަރަބިއްޔާގެ އެންމެ އިސް އިލްމުވެރިންގެ ކައުންސިލް (އުލެމާ) އިން ބުނެފިއެވެ.

ރަސޫލުންނާއި ނަބީ ބޭކަލުންނަށް ފުރައްސާރަ ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅިފައިވާ ކަމެއް ނޫންކަމަށާ، މިއީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުންނަށް، އެއްވެސް އުޖޫރައަކާ ނުލާ ކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި ސިފަކުރަމުން، އުލެމާއިންވަނީ މިފަދަ ފުރައްސާރަކުރުންތައް ކުށްވެރިކުރުމަށް ދުނިޔޭގެ އާބާދީގެ ހޭޖެހޭ މީހުންނާއި، ވަކިވަކި ފަރުދުންނާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ގޮވާލާފައެވެ.

އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން / ފޮޓޯ: ރޮއިޓާސް

އެއްވެސް ރަސޫލަކަށް ފުރައްސާރަކުރުމަކީ އިސްލާމް ދީން ނަހީ ކުރާ ކަމެއްކަން ފާހަގަކޮށް އުލެމާއިން ނެރުނު ބަޔާނުގައި ވަނީ، މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ ގެ ސީރަތު ކުރިއަށް ނެރެ، އެ ވާހަކަތައް ފެތުރުމުގައި ހަރަކާތްތެރިވުމަށް އިސްލާމީ އުއްމަތަށް ގޮވާލާފައެވެ.

ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ސިލްސިލާ ގޮތެއްގައި އިސްލާމް ދީނާއި ކީރިތި މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކުރަމުންދާ ފަރަންސޭސިވިލާތުން ކުރެހި މިފަދަ ކާޓޫންތަކެއް ދަރިވަރުންތަކަކާ ހިއްސާކުރި ޓީޗަރެއްގެ ބޯ ބުރިކޮށްލައިގެން މަރާލި ހާދިސާގައި، މުސްލިމުންނާ ދެކޮޅަށް ފަރަންސޭސިން އިތުރު ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށުމާއެކު، އިސްލާމީ މުޖުތަމައާއި ފަރަންސޭސިވިލާތާ ދެމެދު އިންތިހާއަށް ހިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން / ފޮޓޯ: ރޮއިޓާސް

ފަރަންސޭސިވިލާތުން ވަނީ "ކާޓޫންތައް ދޫނުކޮށްލާނެ" ކަން ސާފުބަހުން ކަށަވަރުކޮށްދީފައެވެ. އަދި އިސްލާމުންނާ ދެކޮޅަށް އެ ގައުމުން ދަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް ތަންފީޒު ކުރަމުންނެވެ.

އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށްވެސް ގޮވާލަމުންނެވެ. ކުވައިތު، އުރުދުން އަދި ގަތަރުގެ ފިހާރަތަކުން ފަރަންސޭސިވިލާތުގެ އުފެއްދުންތައް ނަގާފައި ވާއިރު، ލީބިއާ، ސޫރިއާ އަދި ގައްޒާގައި، ފަރަންސޭސިވިލާތާ ދެކޮޅަށް މުޒާހަރާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.ފ ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ އޮންލައިން ކެމްޕޭނެއް ސައުދީގައިވެސް ވަނީ ފަށާފައެވެ.

ފަރަންސޭސިވިލާތުން ދަނީ، މިކަމަށްވެސް ފުރުސަތު ނުދިނުމަށް މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކުރަންޖެހެއެވެ.