އައްޑޫގައި ހިންގާ ފްލައިން ސްކޫލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރި ދަރިވަރުންނަށް އިންޒާރުގެ މެއިލްތަކެއް ފޮނުވާފައިވާ ކަަމަށް ދަރިވަރުން ބުނެފިއެވެ.
ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން 86 ދަރިވަރުން ވަނީ ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންނަށް އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ކޮށްފައި ކަމަށް 'ދަ ޕްރެސް' އަށް މައުލޫމާތު ދިން އެ ސްކޫލްގެ ދަރިވަރަކު ބުނެއެވެ.
އެންމެ ފުރަތަމަ ސްކޫލުން ފޮނުވީ ޓާމިނޭޝަން ސިޓީތަކެއް ކަމަށް އެ ދަރިވަރު ބުނެއެވެ. އެ މައްސަލަ އެޑިއުކޭޝަނަށާއި ކަމާގުޅޭ މުއައްސަސާތަކަށް ހިއްސާކުރުމުން ސްކޫލޫން ވަނީ އެ ޓާމިނޭޝަން ބާތިލްކޮށްފައި ކަމަށް ދަރިވަރު ބުނެއެވެ.
ސްކޫލުގެ ދަރިވަރު ބުނީ، ފަހުން ޕެޓިޝަންގައި ސޮއިކުރި ކުދިންނަށް ވަނީ ވަކި މުއްދަތެއް ދީފައި އެ މުއްދަތުގެ ތެރޭގައި އިމްތިހާންތައް ނިންމުމަށާ އިމްތިހާންތައް އެ މުއްދަތުގެ ތެރޭގައި ނުނިންމައިފި ނަމަ ސްކޫލުން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފާވާ ކަމަށެވެ. އޭގެތެރެއިން ގިނަ ކުދިންނަށް ދީފައި ވަނީ 3 މަސް ދުވަހުގެ މުއްދަތެއް ކަމަށް ވެސް އެ ދަރިވަރު ބުނެއެވެ.
އެ ދަރިވަރުންގެ ތެރެއިން އެކި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުގެ މުއްދަތު ތަފާތުވާނެ ކަމަަށާ ބައެއް ދަރިވަރުން ކިޔަވާ ކޯހަކީ އެއް އަހަރުގެ މުއްދަތުގެ ކޯހެއް ކަމަށާ އަނެއް ބައި ދަރިވަރުންނަށް ދޮޅު އަހަރު ނުވަތަ 2 އަހަރުގެ މުއްދަތް އޮންނަ ކަމަށް ދަރިވަރު ބުނެއެވެ.
އެންމެ ފުރަތަމަ ކޯހުގައި ބައިވެރިވުމަށްފަހު ކޯހުގެ ފުރަތަމަ މަރުހަލާގައި ތިއަރީ ކްލާސްތަކެއް ކުދިން ނިންމަން ޖެހޭ ކަމަށާ އެ ކްލާސްތައް ނިންމުމަށް ގާތްގަނޑަކަށް 3 މަސް ނުވަތަ 4 މަސް ހޭދަވާ ކަމަށް ދަރިވަރު ބުނެއެވެ. ފުރަތަމަ މަރުހަލާގައި ހަދަނީ ބޭސިކް އެއާކްރާފްޓް ނޮލެޖް (ބީއޭކޭ) ކްލާހެވެ.
ދެން ފެށެނީ ދެވަނަ މަރުހަލާ ކަމަށާ އެ މަރުހަލާގައި އެއާޕޯޓް ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް (އޭޓީޕީއެލް) ކްލާސް ފުރިހަމަ ކުރަންޖެހޭ ކަމަށް އެ ދަރިވަރު ބުނެއެވެ. އޭޓީޕީއެލް ނިންމަން 6 މަހާ 8 މަހުގެ މުއްދަތެއް ނަގާ ކަމަށް ދަރިވަރު ބުނެއެވެ. މި މަރުހަލާގައި ކިޔަވާދެނީ 12 މާއްދާ ކަމަށާ މި ހުރިހާ މާއްދާއެއް ކިޔަވައި ދިނުމަށް ހުންނަނީ އެންމެ އިންސްޓްރަކްޓަރެއް ކަމަށް ވެސް ދަރިވަރު ބުނެއެވެ.
ކޯހުގެ އިމްތިހާންތައް ހަދަން ފެށޭނީ އޭޓީޕީއެލް ކްލާސްތައް ފެށުމުން ކަމަށާ އަދި ސިވިލް އޭވިއޭޝަން ގަވާއިދު ބުނާ ގޮތުގައި އިމްތިހާން ނިންމުމަށް 18 މަސް ދުވަހުގެ މުއްދަތެއް ދަރިވަރުންނަށް ލިބެން ޖެހޭ ކަމަށް ވެސް އޭނާ ބުނެއެވެ. .
މިހާރު އެ ސްކޫލޫން ކުދިންނަށް ދީފައިވާ އިންޒާރުގައި ބުނާ ގޮތުގައި ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އިމްތިހާން ނިންމަން ޖެހޭ ކަމަށް ވާނަމަ އެ އިންޒާރު ސިވިލް އެވިއޭޝަންގެ ގަވާއިދަށް ނުފެތޭނެ ކަމަށް ދަރިވަރު ބުނެއެވެ. އިމްތިހާން ހަދާތާ 6 މަސްވެފައި ތިބި ދަރިވަރުންނަށް އިމްތިހާން ނިންމަން 3 މަސް ދިނުމަކީ 9 މަހުން އިމްތިހާން ނިންމުމަށް އެންގުން ކަމަށާ އެއީ މުޅިން ގަވާއިދާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ދަރިވަރު ބުނެއެވެ.
ފްލައިންސްކޫލުން ކުދިންނަށް ފޮނުވި މެއިލްތަކާ ގުޅިގެން ކުދިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ޓްރެއިނިންގެ ރެކޯޑްތައް ބެލުމަށްފަހު ރިވިއު ކޮމިޓީން ފޮނުވި މެއިލްތަކުގައި ހުރި ބައެއް މައުލޫމާތުތައް ދިމާ ނުވާކަމަށްވެސް ދަރިވަރުން ބުނެއެވެ. އެގޮތުން ދަރިވަރުން އެޑްމިޝަން ހެދި ތާރީހްވެސް ނުބައިކޮށް ޖަހާފައިވާ ކަމަށާ ހަދަން ޖެހޭ އިމްތިހާންތަކުގެ އަދަދު ވެސް ނުބައިކޮށް ޖަހާފައިވާ ކަމަށް ދަރިވަރުން ބުނެއެވެ. ބައެއް ދަރިވަރުންނަށް 78 އިމްތިހާން ހަދަން އޮތްކަމަށް ބުނާއިރު އަނެއް ބައި ދަރިވަރުންނަށް 300 އަށް ވުރެ ގިނަ އިމްތިހާން ހަދަން ޖެހޭ ކަމަށް ވެސް ސްކޫލުން ކުރި މެއިލްގައި އޮތް ކަމަށް ދަރިވަރުން ބުނެއެވެ.
މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަނއާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދަރިވަރުން ބުނެއެވެ. އަދި މި ކަމާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މި މައްސަލަ ބަލާނެ ކަމަށް ބުނެފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.
މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ. އެކަމާ ގުޅިގެން ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެ އެކަޑަމީއާ ދެކޮޅަށް ހަޔާ އެޑިއުކޭޝަނުން ވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.