ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބުނީ ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމް، ޕީއެންސީ އިސްނަގައިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ. މަޖިލީހުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ނުވަ މެންބަރަކު ތިއްބަވައެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ.

އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.

އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޖޫން މަހު ހިނގި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލޭ ފަދަ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވީ ނަމަވެސް އޭގެ ފަހުން މިހާރު އެތައް މަހެއް ފާއިތު ވީ އިރު ވެސް، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރު ކުރީ 2 މީހުންނެވެ. އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުން ދާ ވާހަކައާ ގުޅުވައިގެންނެވެ. ފުލުހުން ބުނީ އެކަމުގައި ޝާމިލްވާ މީހުންގެ ވަނަވަރު ހާމަ ނުކުރަނީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.