ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށެވެ. ނަމަވެސް އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެމައްސަލަ ރަނގަޅަށް ބައްލަވައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައި ވަނީ އާއްމު ތަނެއްގައި ވެސް ކޮށްލެވޭ ވަރު ކަމެއް ކަން ސާފުވެ ވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެކަމަކީ އާއްމު ޕަބްލިކް ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭކަހަލަ ކަމެކޭ އިނގޭތޯ ހިނގާފަމިއޮތީ. އެކަން ރިޕޯޓް ކުރެވިގެން އައިއިރު އޭނަގެ ބަޔާންވެސް އެކި ގޮތްގޮތައް އެކިފަހަރުމަތިން ބަދަލުވެ، އޭތި ނޫސްތަކަށް އައި ގޮތާ މިހުރިހާ އެއްޗަކަށް ބެލީމަ އަސްލުގަ މީ ވަރަށް ބޮޑަށް ހަގީގަތާ ހިލާފްވާހަކައެއް ދެކެވުނީ
އިމްރާން

މިނިސްޓަރު އިމްރާން އެފަދައިން ވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައި ވާ ކޮންމެ ކަމެއް ތަހްގީގު ކޮށް، ހަމަހަމަ ކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

ވަކި ބަޔަކު ކުރުމުން ކުށަކަށް ނުވާ އުސޫލެއް ނޯންނަ ކަމަށާއި ބޮޑުންގެ ވާހަކަތަކުން (އިމްރާންގެ ވާހަކައިން) ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ރައްކާތެރިކަން ގެއްލިފައި ވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަހްގީގުކޮށް، ހަމަހަމަކޮށް ދައުވާކުރަންޖެހޭނެ. ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުސޫލެއް ނޯވޭ. ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ. ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ
ޖަމީލު

މިނިސްޓަރު އިމްރާން އެފަދައިން ވިދާޅުވެފައި ވާއިރު، ޖުލައި މަހު އެކަމަށް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަންހެން މީހާ ދަންވަރު މޫދަށް ފުންމްލާނީ ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި ވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވަނީ ވިދާޅުވެފައެވެ.

ޖޫން މަހު ކުރިމަތިވި އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލޭ ފަދަ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވީ ނަމަވެސް އޭގެ ފަހުން މިހާރު އެތައް މަހެއް ފާއިތު ވީ އިރު ވެސް، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި ކުށުގެ ވެށިން ހައްޔަރު ކުރީ 2 މީހުންނެވެ. އެ ދެ މީހުން ދޫކޮށްލުމާއެކު ސޯޝަލް މީޑިއާގައި ގޯނާ ލިބުނު އަންހެން މީހާ، އެއްބަޔަކު ކުށްވެރި ކުރިއިރު އަނެއް ބަޔަކު ދިޔައީ އެކަން ކުރި މީހުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައި ގިނަ ތުހުމަތުތަކެއް ކުރުމުންނެވެ. އެއީ އެކަން ކުރުމުގައި އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލުން ކަމަށް ބުނެ ދެކެވެމުން ދާ ވާހަކައާ ގުޅުވައިގެންނެވެ. ފުލުހުން ބުނީ އެކަމުގައި ޝާމިލްވާ މީހުންގެ ވަނަވަރު ހާމަ ނުކުރަނީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ވާހަކަތައް ފެތުރުނު އިރު، ޖީހާން އެކަމާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.