ކޮންމެ ދަރިވަރަކީ ސްކޫލަށްގޮސް ކިޔެވުމަށް އެހާ ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ނުވެދާނެއެެވެ. ކިޔަވަން އެހާ މޮޅު ދަރިވަރަކަަށްވެސް ނުވެދާނެއެވެ. ސްކޫލުންނާއި ކްލާހުން ވަނަ ލިބޭ ދަރިވަރަކަށްވެސް ނުވެދާނެއެވެ. ކިޔަވަން ތޫނުފިލި ނޫން ނަމަވެސް ކޮންމެ ކުއްޖަކަށްވެސް ނުވަތަ މީހަކަށްވެސް ހުނަރެއް ލިބިފައިވާނެއެވެ. އެއީ އެންމެ ކުޑަ އިރުން ފެށިގެން ކަމަށްވެސް ވެދާނެއެވެ. އަދި އެ ހުނަރަކީ ތައުލީމީ ހަޔާތް ނިމޭފަހުން ދެނެގަނެވޭނެ ހުނަރަކަށްވެސް ވެދާނެއެވެ.

ހަދާން ހުންނަން ފެށީއްސުރެ މޯޓަރެއް އަތައް ލައިގެން އެ ރޫޅާލާފަ، ހަދާ، އެގޮތައް އުޅޭނީ،
އައުޒަމް

އެންމެ ދުރު ހަނދާނަކަށް ހުންނަ ހަނދާނުގެ ވާހަކަ ފަށަމުން، ގއ، ގެމަނަފުއްޓަށް އުފަން އުމުރުން 20 އަހަރުގެ "ޒުވާން އިންޖިނިއަރު" އަހުމަދު އައުޒަމް، އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

އެންމެ ކުޑައިރުއްސުރެ ފެށިގެން ވާހަކަ ދެއްކުމުގައި އުނދަގޫ ގޮތެއް ހުންނަ ކަމަށާއި އެކަމަށް މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ލިބިފައިވާ ކަމަށް އައުޒަމް ކިޔައިދިނެވެ. އެގޮތުން ބައެއް ބަސް ކިޔުމުގައި އުނދަގޫވާ ކަމަށާއި އަކުރު ކިޔަން އުނދަގޫ ކަމަށް އޭނާ ބުނެވެ. އެހެން ކަމުން އެންމެ ކުޑައިރުއްސުރެ މީހުންނާ ވާހަކަ ދެއްކުން މަދުވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

އެކަނި އުޅެން ދަސްވެފައި ހުރުމުންނާއި އެކަމަށް ޝައުގުވެރިކަން ހުންނާތީ އަބަދުވެސް އިންޖިނިއަރިންގެ މަސައްކަތް ކުރަން ބޭނުން ކުރާ ސާމާނު ހިފައިގެން އުޅޭ ހަނދާން ހުންނަ ކަމަށް އައުޒަމް ކިޔައިދިނެވެ.

ކުޑައިރު ފޮތްކިޔާ، ފިލާވަޅުތަށް ހަދައި ފަރިތަކުރުމަށް ޝައުގުވެރިކަން ހުންނަމީހެއް ނޫން. އަޅުގަނޑުގެ ވިސްނުން އެކަމަށް ކޮށީ ކަމަށްވެސް ވެދާނެ، ސުކޫލް ގަޑި ނިންމާލާފަ އައިސް އަޅުގަނޑު ވަގުތުހޭދަ ކުރަނީ މޯޓަރ ފަދަ ކުޑަކުޑަ ސާމާނު ރޫޅާ މަރާމާތުކޮށް ހެދުމަށް، މިހާރު ގޮތަށް ކުދިން އަތަށް ޓެބްލެޓް، ފޯނު ފަދަ ސާމާނު ދީފަ ހުންނަ ޒަމާނެއް ނޫން އެއީ
އައުޒަމް

ސްކޫލު ދައުރުގައި ނުކިޔަވާ އުޅޭތީ ޓީޗަރުންގެ ފަރާތުން ބުނާ ބަސްތަކުން މައިން ބަފައިން އެކަމާ ހިތާމަ ކުރާ ކަމަށާއި ނަމަވެސް އޭރު ކިޔަވަން ޝައުގުވެރިކަން ނުހުންނަ ކަމަށް އައުޒަމް ކިޔައިދިނެވެ. އެމީހުން ހިތާމަ ކުރަނީ އައުޒަމްގެ މުސްތަގްބަލަށް ވިސްނާ ކަން އެނގޭ ކަމަށައި ނަމަވެސް ކިޔެވުންވީ އައުޒަމް އަށް ކުރާ ހިތް ނުވި ކަމެއް ކަމަށް އޭނާ ކިޔައިދިނެވެ.

އައުޒަމް އެންމެ ކުޑައިރުއްސުރެ ގެންގުޅެމުންއައި ނަމޫނާއަކަށް ބަލާ މޯޓަރު / ފޮޓޯ: އައުޒަމް

އެންމް ކުޑައިރުން ފެށިގެން ގެންގުޅުނު މޯޓަރާއި އެހެނިހެން ކުޅޭ ސާމާނު އޭނާއަށްވީ ގުދުރަތުން ދެއްވި ހަދިޔާ އަކަށެވެ. ނިއުމަތަކަށެވެ. ގެއްލިފައިވާ ހުނަރަކަށެވެ. އެއިން ލިބުނީ ދުނިޔޭގައި އުޅޭނެ މަގެއް ކަމަށް އައުޒަމް ކިޔައިދިނެވެ. އޭރުއްސުރެ އަޒުމަކަށް ހަދައިފައި ވަނީ އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް އޭނާ ބުނެއެވެ.

ކިޔަވަން އިންނަ އިރުވެސް ހިތައް އަރަނީ ބޯޑުގަ ލިޔެން ގެންގުޅޭ މާކަރު އެއްޗިސް ހަދާފަ މި ހުންނަނީ ކިހިނެއްބާއޭ، އެކަހަލަ އެއްޗެއް ހިތައް އަރައިފިއްޔާ ނުނިދޭނެ ހަމަ، އެ ދިރާސާކޮށް ވާނުވާ އިނގުނީމަ ދެން ހަމަ ނިދޭނީވެސް
އައުޒަމް

ސާނަވީ އިމްތިހާން ނިންމުމަށްފަހު އަމިއްލަ ރަށުގައި "ގަރާޖެއް" ހުޅުވައިގެން އައުޒަމް އޭނާގެ އުންމީދުތަކުގައި ކުލަޖެއްސުމަށް މަސައްކަތް ފެށިއެވެ. އެއާއެކު ރަށުގައި އަމިއްލަ އުފެެއްދުންތައް އީޖާދު ކުރަމުން ގަރާޖުގައި މަސައްކަތް ކުރަމުންނާއި ރަށުން ބޭރުގައި ވެލްޑިންގެ މަސައްކަތް ކުރަން ގޮސް އުޅޭ ކަމަށް އައުޒަމް ކިޔައިދިނެވެ.

އައުޒަމް އަމިއްލައަށް އީޖާދު ކޮށްފައިވާ ބައެއް ތަކެތި / ފޮޓޯ: އައުޒަމް

އޭގެ އިތުރުން ގަރާޖަށްވެސް އެހެން ރަށްރަށުން މީހުން އިންޖީނުފަދަ އެއްޗެހި ހެދުމަށް އަންނަ ކަމަށް އޭނާ ކިޔައިދިނެވެ.

އައުޒަން އޭނާގެ ގަރާޖުގައި މަސައްކަތް ކުރަނީ / ފޮޓޯ: އައުޒަމް

އުމުރުން އެންމެ 14 އަހަރުގައި ފެށި މަސައްކަތައް އެންމެ ބޮޑަށް އެހީތެރިކަން ލިބިފައި ވަނީ މައިންބަފައިންނާއި އާއިލާގެ މީހުންގެ ފަރާތުން ކަމަށް އައުޒަމް ބުނެވެ. އައުޒަމްގެ ހުވަފެން ހަގީގަތަކަށްވީ ނަމަވެސް އަދި ނިމުނީއެއް ނޫނެވެ. ކިޔެވުމުގައި ކޮށި ދަރިވަރުންނަށާއި އެފަދަ ކުދިންގެ މައިންބަފައިންނަށް އައުޒަމްގެ ބަހެއް ވެއެވެ.

ކާމިޔާބީއަކީ ސްކޫލު ދައުރުގައި މަތީ ގްރޭޑްތަކާއި މަތީ ފާސް ލިބޭ ކުދިންނަށް އެކަނި އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ކަމަކަށްވެސް ބޭނުންވަނީ ހިތްވަރާއި މިންނަތް މަސައްކަތް ކަމެވެ. ކާމިޔާބީއަކީ ހޯދަން މަސައްކަތް ކުރާ މީހުންނަށް ލިބޭ އެއްޗެއް ކަމަށާއި އެކަމަށް މަސައްކަތް ކުރުމަށް އައުޒަމް ވަނީ ކިޔައިދޭފައެވެ.

އަޅުގަނޑު އެއްމެހާ މައިންނާއި، ބަފައިންނަށްނަސޭހަތްތެރިވަން. ދަރިފުޅު ކިޔެވުމަށް ކޮށި ވިޔަސް ޝައުގުވެރިކަންނެތަސް ހިތާމަ ނުކުރާށޭ. ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކުންފުރިގެންވާ ކުދިން، އެހުނަރު ނެރެ އެދާއިރާ އަކުން ދަރިފުޅުކުރިޔަށްދިއުމަށް ގަދައަޅައި ބާރުލައި މަސައްކަތް ކުރުވާ މަންމައާއި ބައްޕަ އަކަށްވާތި
އައުޒަމް

ތެދެކެވެ. ކޮންމެ ކުއްޖަކީ ސްކޫލުން ރަން ވަނަ ހޯދާ ދަރިވަރަކަށް ނުވެދާނެއެވެ. އިނާމު ދޭ ޖަލްސާގައި ތަށި ހިފައިގެން ސްޓޭޖުން ފައިބާނެ ދަރިވަރަކަށްވެސް ނުވެދާނެއެވެ. ނަމަވެސް މުސްތަގްބަލް ބިނާކުރަން ލިބޭ ފުރުސަތުގައި އެކަން ކުރުމަކީ އެ ކުއްޖެއްގެ އަތްމަތީ އޮތް ކަމެވެ. ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެއެވެ.

އައުޒަމް އިންޖީނެއްގެ މަސައްކަތް ކުރަން ތައްޔާރުވަނީ / ފޮޓޯ: އައުޒަމް

ކަން މިހެން ހުރިއިރު އައުޒަމް ފާހަގަ ކުރީ އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ހުރި ގޮންޖެހުންތަކެވެ. އެގޮތުން ކިޔެވުމަށް ކޯސްތައް ނުހުންނަ ކަނަ ފާހަގަ ކުރިއެވެ. މީގެ އިތުރުން އައުޒަމް ފާހަގަ ކުރީ ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާއިން ކުރާ މަސައްކަތް ބަލައިގަނެ އެކަމަށާއި އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް އުއްމީދުގައި ހުރި ކަމަށް އައުޒަމް ކިޔައިދިނެވެ.