ގައުމެއްގެ ތަރައްގީއާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ޒުވާނުންނަކީ ފަންނުވެރި ތައުލީމީ ގާބިލް ބަޔަކަށް ހެދުމަށް ގިނަ ހޭދަތަކެއް ކުރަނީ އެސަބަބާ ހުރެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވެފައި ވަނީ "އަންވެއިލިން ވިޝަންސް 2020" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި ނައިބު ވަނީ މިއަދު ފާހަގަކުރަމުންދާ ގައުމީ ޒުވާނުންގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ހުރިހާ ދިވެހި ޒުވާނުންނަށް ކިޔާފައެވެ. އަދި ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކޮންމެ މީހަކީ ވެސް ގައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ހުރިހާ ޒުވާނުންނަށް ގޮވާލައްވާފައެވެ.
ނައިބު ރައީސް ވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްކުރާ ކަމުގައި ވިދާޅުވެ، ގައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މުޖުތަމައުގެ ކަންކަން ނިންމުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.
ނެޝަނަލް އާޓް ގެލެރީގައި މިމަހުގެ 23 އިން 29 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މައުރަޒު ހުޅުއްވައިދެއްވުމަށް ނައިބު މިރޭ ކުރެއްވި އެ ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ ވެބްސައިޓް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވައި، 2020 ވަނަ އަހަރުގެ އެންމެ އަލިގަދަ ހަތަރު ފަންނާނުންނަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.
އަންވެއިލިން ވިޝަންސްގެ މި އަހަރުގެ އެގްޒިބިޝަންގައި 53 އާޓިސްޓުން ވަނީ ބައިވެރިވެފައެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒިބިޝަނެވެ. އެގްޒިބިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ރޭގަނޑު 21:30 އަށެވެ.