ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަނުކުރި މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދުގެ ހިޔާލު ތަފާތު ވެއްޖެއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތު މިނިސްޓަރަކަށް ނަސީމު އައްޔަން ކުރުމާ މެދު ވަރަށް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ނަސީމް އަކީ އެމަގާމަށް އެންމެ އެކަށީގެންވާ ފަރާތްތޯ ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކޮވިޑް19 އާ ގުޅިގެން މި ބަލިމަޑުކަމުގެ މެދުތެރެއިން ނަސީމް އައްޔަނު ކުރެއްވި އިރު ދާއިރާގެ ތަޖުރިބާ އޭނާގެ ކިބައިގައިި ހުރިތޯ ވެސް ދުންޔާ ވަނީ ސުވާލު އުފައްދާފައެވެ.
އޭގެ އިތުރުން ކޮންމެ މިނިސްޓަރަކު ވެސް ކަންކަން ނިންމަވާ ގޮތާ ހިންގަވާ ގޮތް ރައްޔިތުން ބަލާ އަދި ސުވާލު އުފައްދާ ކަމަށާއި އެ މަގާމު އެމްޑީޕީ އަށް ދިނުމުން ކޯލިޝަނަށް ވާނީ ކިހިނެއްތޯ އާ މެދުވެސް ދުންޔާ ވަނީ ސުވާލު އުފައްދަވާފައެވެ.
ރައްދުގައި ޒަރިޔަންދު ވިދާޅުވީ ބޭސްވެރިޔަކަށް ވަޒީރުކަން ނުދިން ނަމަވެސް ވަޒީރުކަމަށް އެންމެ އެކަށީގެން ވަނީ ލީޑަޝިޕް ކޮލިޓީ ހުރި، ނަތީޖާ ހާސިލުކުރާ ފަރާތެއް ކަމަށެވެ. އަދި އެ ދެ ސިފައިގެ ސަބަބުން އެކްސްޕާޓުން ހޯދައި މެނޭޖް ކޮށްގެން ނަތީޖާ ހާސިލު ކުރެވޭނެ ކަން ކަށަވަރު ކަމަށާއި ނަސީމަކީ ވަރަށް ހިންގުން ތެރި ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ނަސީމް ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެއެވެ. ހެލްތު މިނިސްޓަރުގެ މަގާގުން ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުވާ ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައި ވަނިކޮށެވެ.
އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާަވާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގައެވެ.