ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ކުޑަކުޑަ ގައުމެއް ކަން ނުދަންނާނެ މީހަކު މިއަދު ނުހުންނާނެއެވެ. ފޮނި އުއްމީދު ތަކަކާ އެކު 2020 ވަނަ އަހަަރަށް މަރުހަބާ ކިއި އިރު، މި އަހަރާ އެކު އެކަނިވެރިކަމާއި ހުސްކަން، ރާއްޖެ ބަރޯސާ ވެފައި ވާ ފަތުރުވެރިކަން މުގުރާލާނެ ކަމަކަށް އޭރު ހިތަކަށް ނުގެނެވުނެވެ. ރާއްޖެއަށް ފަތުރުވެރިން އެތެރެވާ މައި ދޮރޯށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުވަހަކު ނުދެކޭ ފަޅުކަމެއް ފެނިދާނެ ކަމަކަށް އޭރު ހިތަކަށް ނާރައެވެ.

2020 އަހަރު ފެށިގެން އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ހަލަބޮލި ވަމުންނެވެ. ފްލައިޓު މޫވްމަންޓްގެ ރިކޯޑުތައް ކައިރި ކައިރިން އާ ކުރަމުންނެވެ. ކުރިއަށް އޮތީ އުއްމީދީ އަހަރެއް ކަމަށް ހިތުލައިގެން ތިއްބާ އައިސް ބޯ މައްޗަށް ބިންދާލީ ކޮވިޑް-19ގެ ބިޔަ ރާޅެކެވެ. އެ ރާޅާއެކު، އެއާޕޯޓުގެ ދިރުން ވެސް އޮޔާ ގެން ދިޔަ ފަދައެވެ. ފެނިގެން ދިޔައީ އެއާޕޯޓް އެއްކޮށް ހެން ހުއްޓިގެން ދިޔަތަނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ ރާއްޖޭގައި ކޮވިޑް ނުފެތުރެނީސް ކަމަށް ވިޔަސް ރިސޯޓް ތަކުން މަދުން ނަމަވެސް ކޭސްތައް ދިޔައީ ފެންނަމުންނެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ގައުމުތަކުގައި ބަލި ފެތުރިގެން ދިއުމާއި އިންޓަނޭޝަނަލް އެއާލައިންތައް ހުއްޓުމަކަށް އައުމަކީ ރާއްޖޭގެ މައި ދޮރޯށީގައި ބޮޑުތަޅު އެޅުވިގެން ދިޔަ ކަމަކަށެވެ.

އެއާކްރާފްޓް މޫވްމަންޓް 95 ޕަސަންޓް ވެއްޓުނު!

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ 5، 2020 ވަނަ ދުވަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 811 އަށް އަރައި، މައި އެއާޕޯޓުގައި އެއާކްރާފްޓް މޫވްމެންޓް ރިކޯޑު ގާއިމު ވިއެވެ. އެގޮތުން، 252 ފްލައިޓް ރަންވޭ ބޭނުންކޮށްފައި ވާއިރު، 559 ސީޕްލޭން މޫވްމެންޓް ރިކޯޑް ކުރެވުނެވެ.

ޖެނުއަރީ 5 ވަނަ ދުވަހު މި ރިކޯޑް އާ ކުރިއިރު، މިދިޔަ ޑިސެމްބަރު މަހު ދެ ފަހަރެއްގެ މަތިން ވެސް ވަނީ ރިކޯޑް އާ ކޮށްފައެވެ. ދޮޅުމަސް ތެރޭގައި 3 ފަހަރަށް ރިކޯޑް މުގުރާލައި އެއާޕޯޓު ދިޔައީ ދުވަހެއް ދުވަހަކަށް ހަލަބޮލި ވަމުންނެވެ. ނަމަވެސް، މި ތަސްވީރުގެ ކުލަ ގެއްލެން ފެށީ ކޮވިޑްގެ ވައިރަހުގެ ވިލާގަނޑުގެ ސަބަބުންނެވެ. ފްލައިޓުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުން ދިޔައީ އެއާޕޯޓަށް ފަޅުކަން ގެންނަމުންނެވެ.

27 މާޗް 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ފޮޓޯ: ޓްވިޓާ

ޑޮމެސްޓިކް ނުވަތަ އެތެރޭގެ އުދުންހުންތަކުގެ ޑިމާންޑް ދަށްވެގެން ގޮސްފައި ވާއިރު، އިންޓަނޭޝަނަލް އެއާލައިންތައް އެއްކޮށް މަޑުޖައްސާލީ މާޗް 27، 2020 ވަނަ ދުވަހެވެ. ވިސާ ދޫކުރުން ހުއްޓާލައި، ރާއްޖޭގެ މައި ދޮރޯށީގައި ތަޅުއެޅުވީއެވެ. އެއާއެކު އަހަރު ފެށުނު އިރު، 800 އިން މަތީގައި އުޅުނު އެއާކްރާފްޓް މޫވްމެންޓް، 95 ޕަސަންޓް ވެއްޓިގެން ދިޔައެވެ.

މަޑުމަޑުން ދަނީ އިހުގެ ހާލަތަށް ރުޖޫއަވަމުން

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 4 މަހެއްހާ ދުވަސް ފަހުން ބޯޑަރު އަލުން ހުޅުވާލީ ޖުލައި 15، 2020 ވަނަ ދުވަހެވެ. ކޮވިޑް-19އާ އެކު އުޅެން ދަސްކޮށް، ރާއްޖެ އައުމަށް ކެތްމަދުވެފައި ވާ ފަތުރުވެރިންނަށް އެ ފުރުސަތު ފަހިވެގެން ދިޔައެވެ. މި ބަލީގެ ސަބަބުން ހުއްޓާލި އެއާލައިންތައް މަޑުމަޑުން އޮޕަރޭޓް ކުރަން ފެށިއެވެ. އެއާޕޯޓް ޓްރެފިކް އަލުން އިހުގެ ހާލަތަށް ގެނައުމުގެ މަގުން ކުރިއަށް ދާން ފެށީއެވެ.

އެގޮތުން މިމަހު 13 ގައި އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު ވަނީ 147 އަށް އަރާފައެވެ. މިއީ ބޯޑަރު އަލުން ހުޅުވާލި ފަހުން ރިކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. އޭގެ ތެރެއިން 39 ފްލައިޓް ރަންވޭ ބޭނުންކޮށްފައި ވާއިރު، 108 ސީޕްލޭން މޫވްމެންޓް ރިކޯޑް ކުރެވިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުން ދާއިރު، ކޭސްތަކުގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. ކޮވިޑާ ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ގެންނަމުން ދާ ހަރުދަނާ ބަދަލުތަކާއެކު، ގެސްޓްހައުސްތައް ހުޅުވާލުމުން، ފަތުރުވެރިކަން ދަނީ ރަނގަޅުވަމުންނެވެ. ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ގިނަ ދުވަހު ރާއްޖޭގައި ތިބެން ބޭނުން ވާއިރު، ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި ފަތުރުވެރިން ދަނީ ބަލައިގަންނަމުންނެވެ. ފަތުރުވެރިކަމުގެ ސީޒަން އައިސް ޖެހުނު އިރު ކޮވިޑާއެކު އުޅެން ދަސްކޮށް، ހުއްޓުމަކަށް އައި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިގަނެވުމަކީ މިއަދު ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ.