މާލޭ ސަރަހައްދުގައި ކޮވިޑް ބައްޔަށް މީޙުން ހުށަހެޅިފައިވާ މިންވަރާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރެވޭ ސީރޯސާވޭލަންސް ދިރާސާއަށް ގުރުއަތުން ހޮވާނީ 4098 ބައިވެރިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑް19 ސީރޯސާވޭލަންސް ދިރާސާ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް ވައިރަސްއަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި މި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ކުރެވޭ ދިރާސާއެއް ކަމަށެވެ. މި ދިރާސާއަށް މީހުން ހޮވާފައި ވަނީ މާލޭސަރަހައްދުގައި އުޅޭ މީހުންގެތެރެއިން ގުރުއަތުން ހޮވާލެވޭ 4098 ބައިވެރިންނާއެކުގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކުން ކަމަށާއި ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތިޖާއަކީ ސައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައިގެން އިލްމީ ދިރާސާތައް ކުރާ ގޮތްތަކަށް ބިނާކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން އުމުރު ފުރާތައް ބަހާލާފައި ވަނީ 4 ބަޔަކަށެވެ. އެންމެ ހަގު އުމުރު ފުރާއަކަށް ބަލަނީ އުމުރުން 17 އަހަރުން ދަށުގެ ބައެވެ. އެ ބައިން 936 ބައިވެރިންގެ ގހޮވުމަށް ހަމަޖެހިފައެވެ. ދެން ހިމެނެނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމދުގެ ބައެވެ. އެ ބައިން 1730 ބައިވެރިން ހޮވައެވެ. އެއަށްފަހު އުމުރުން 35 އަހަރާއި 59 އަހަރާ ދެމެދުގެ ބައިން 1232 މީހުން ހޮވައެވެ. އެންމެ ފަހު އުމުރުފުރާ އަކީ 60 އަހަރުން މަތީގެ އުމުރު ފުރައެވެ. އެ ބައިން 200 މީހުން ހޮވައެވެ.
މިދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ 3 މިލިލީޓަރުގެ ލޭ ނަގައިގެންނެވެ. ލޭ ނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ސިއްހީ ދާއިރާގެ މީހުން ކަމަށާއި ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔު.އެޗް.އޯގެ ސަލާމަތީ މިންގަޑާއި އެއްގޮތަށް ކަމަށް އެޗްޕީއެއިން ބުނެއެވެ.
މި ޓެސްޓުކުރުމަށް މާލޭ ސަރަހައްދުގެ ބައެއް ތަންތަނުގައި ސްޓޭޝަންތަކެއް ބެހެއްޓޭނެ ކަމަށާއި އެ ސްޓޭޝަންތައް ހުންނާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން މާލޭގައި ސްތޭޗަންތައް ގާއިމްކޮށްފައި ހުންނާނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ގައެވެ. ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލްގައި ސްޓޭޝަން ހުންނައިރު ވިލިމަލޭގައި ސްޓޭޝަން ހުންނާނީ ވިލިމީލެ ހޮސްޕިޓަލް ގައެވެ. މީގެ އިތުރުން ގުރުއަތުން ހޮވާލެވޭ ބަލިހާލު ހުރިގޮތުން ޓެސްޓް ކުރާތަނަށް ނާދެވޭ ހާލަތެއްގައި ހުރިނަމަ، ގެއަށް ގޮސް ސާމަޕަލް ނަގާދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީޢޭއިން ބުނެއެވެ.
މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑަށް މި ބަލި ހުށައެޅިފައި ވޭތޯއާއި އެ ވައިރަސްއަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ މީހެއްގެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މި ދިރާސާގައި ގުރުއަތުން ހޮވާލެވޭ ބައިވެރިން ދިރާސާގައި ބައިވެރިވުމުގެ އެއްވެސް އިއުތިރާޒެއް ނެތްނަމަ، ލޭނަގަން ދާންޖެހޭނެ ދުވަހާއި ގަޑި ފޯނަށް މެސެޖަކުން ފޮނުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ދިރާސާގެ ނަތީޖާއާ ގުޅިގެން ބައިވެރިވި މީހާ އިތުރު ކަމެއްކުރާކަށް ނުޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.