ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) ގެ ސީޕްލޭނެއް މިއަދު އެކްސިޑެންޓު ވެއްޖެއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނީ އެހާދިސާ ހިނގާފައިވަނީ މ. މެދުފުށި ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސި ފަހުން ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ. އެކްސިޑެންޓު ވެފައިވަނީ ޓީއެމްއޭ އިން އޮޕަރޭޓް ކުރި DHC-6 މަރުކާގެ މަތިންދާ ބޯޓެކެވެ.

އެ ސީޕްލޭންގައި ކްރޫ އާއި 14 ޕަސަންޖަރުންނާއެކު ދަތުރުކޮށްފައިވާއިރު އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެކަކަށްވެސް އަނިޔާ ވެފައެއް ނުވެއެވެ.

އެހާދިސާ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިން ކޮމިޓީ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.