މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރުމަށް ފަހު އެކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމަށް އެދިއްޖެއެވެ.
ސީއެސްސީން މިއަދު އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ (ނ)ގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށެވެ.
ސަސްޕެންޑުކުރާ މުވައްޒަފުންގެ މައުލޫމާތު 24 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނަށް ހިއްސާކުރުމަށް ގަވާއިދުގައި އޮތް ނަމަވެސް އެފަދައިން އަމަލުކުރަމުން ނުގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ސިވިލް ސާވިސްގެ ގަވާއިދާށް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ މުވައްޒަފު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެ ކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ސީއެސްސީގެ އެ ގަވައިދުގައި ފާހަގަކޮށްފައިވާ ހަތަރު ކަމަކީ ވަޒީފާއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާއިރު ހެކި ނައްތާލަން މަސައްކަތް ކުރުމާއި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ހިދުމަތް ލިބިގަންނަން އަންނަ މީހަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ކުރިމަތިވެ ދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި އޮފީހަށް ނުކުތުން މަނާކުރެވޭނެ ކަމަށެވެ.
އަދި ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުންނަ މީހަކު އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގެންފާނެކަމަށް ބެލެވުން ނުވަތަ އަރައިގަންނަން އުޅުން ނުވަތަ އަރައިގަތްކަމަށް ތުހުމަތު ކުރެވުމުންވެސް އޮފީހަށް ނިކުތުން މަނާކުރެވޭނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.