ކުރިއަށް އޮތް ފަސް އަހަރު ވެސް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފިއެވެ.
އޭޑީބީ އިން ބުނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން ކުރިއަށް އޮތް ފަސް އަހަރަށް އާ ކޮށްފައިވާ ކަމަޑށައި އޭޑީބީގެ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް) އާއެކު ރާއްޖެއަށް 2020-2024 އާ ދެމެދު އެހީ ލިބޭނެ ކަމަށެވެ.
އެގޮތުން އާ ސީޕީއެސްއާއެކު ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް އެ ބޭންކުގެ އެހީތެރިކަން ދޭނެ ކަމަށް އޭޑީބީން ބުނެއެވެ.
އެގޮތުން ޕަބްލިކް ސެކްޓާގެ އެފިޝިއަންސީ އިތުރުކޮށް، ފިސްކަލް ސަސްޓެއިނެބިލިޓީ ހަރުދަނާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ދާއިރާ އާއި ޓެކްސް އެޑްމިނިސްޓްރޭޝަނާ ބެހޭ ދާއިރާގެ ތަރައްގީ އަށް ކުރިއަށް އޮތް ފަސް އަހަރު އެ ބޭންކުން އެހީ ދޭނެއެވެ.
ހާއްސަކޮށް ކޮވިޑް1-9ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް އޭޑީބީ އިން ވަނީ ބުނެފައެވެ.
އޭޑީބީއަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު ތަރައްގީގެ އެއް ޕާޓްނަރެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި މި ޖޫން މަހު ވެސް އޭޑީބީ އިން ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.