ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ޢުމްރާގެ އަޅުކަން މެދުކަނޑަލާފައި އޮތުމަށްފަހު، އެ ގައުމުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އެ ފުރުސަތު ހުޅުވާލައިގެން ލިބުނު ކުރިއެރުންތަކާއެކު، ބިދޭސީ ޢުމްރާ ވެރިންނަށް މަރުހަބާ ކިއުމަށް ސައުދީ އަރަބިއްޔާއިން އެންމެ ފުރިހަމައަށް ތައްޔާރުވެ ނިމިފައި ވާ ކަމަށާ، ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވަޒީރުގެ ނައިބު، ޢަބްދުއްރަޙްމާން ޝަމްސް ވިދާޅުވެއްޖެއެވެ.

ސައުދީ މީޑީއާއަށް ދެއްވި ބަސްދީގަތުމެއްގައި ޝަމްސް ވިދާޅުވީ، ޢުމްރާވެރިންނާ ހަވާލުމަށް 700 އަށް ވުރެ ގިނަ ކުންފުނި ހަރަކާތްތެރިވާނެ ކަމަށާ، މިހާރު ކުރިއަށް ދަނީ ބިދޭސީ ޢުމްރާ ވެރިން ބަލައިގަތުމަށް ފުރިހަމަ ކުރަންޖެހޭ އެންމެ ފަހުގެ ކަންކަން ނިންމުމުގެ މަސައްކަތްތައް ކަމަށެވެ.

ޝަމްސް ވިދާޅުވީ ލުއި ދިނުމުގެ 2 ވަނަ މަރުހަލާގެ ތެރެއިން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު މަސްޖިދު އަލް-ޙަރަމް ހުޅުވާލި ފަހުން 120000 މީހަކު ޢުމްރާގެ އަޅުކަން އަދާކޮށްފައި ވާއިރު، 45000 މީހަކު، ނަމާދުގެ އަޅުކަން ކޮށްފައި ވާ ކަމަށެވެ.

މި ކަމާ ގުޅިގެން ކޮވިޑް-19ގެ ކޭހެއް ރެކޯޑް ކުރެވިފައި ނުވާކަމަށްވެސް ޝަމްސް ވަނީ ވިދާޅުވެފައެވެ.

ބިދޭސީ ޢުމްރާވެރިންނަށް ފުރުސަތު ދިނުމާ ބެހޭ ގޮތުން ޝަމްސް ވިދާޅުވީ ރިޒަވޭޝަން ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ އެކަމަށް ހާއްސަ ލައިންސަސް ދޫކޮށްފައިވާ 'ޢުމްރާ ކުންފުނިތައް' މެދުވެރިކޮށް ކަމަށާ، ބިދޭސީ ޢުމްރާވެރިން އަންނާނީ ވަކިވަކި ފަރުދުންގެ ގޮތުގައި ނޫންކަމަށާ، ނަމަވެސް ގުރޫޕުތަކެއްގެ ގޮތުގައި ކަމަށެވެ.

ލުއި ދިނުމުގެ 3 ވަނަ މަރުހަލާގެ ތެރެއިން، ބިދޭސީ ޢުމްރާ ވެރިންނަށް ގައުމު ހުޅުވާލުމަށް ސައުދީ އިން ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. އެއީ ރަބީޢުލް އައްވަލް މަހުން 15 ވަނަ ދުވަހެވެ.