އިއްޔެ ހެނދުނު ޕީޖީ އޮފީހުން ފޮނުވި ހަބަރަކާއެކު، އެތައް ބައެއްގެ ދުލުކުރިން ޖާގަ ހޯދީ ވެންޓިލޭޓަރުތަކުގެ ވާހަކައެވެ. ކޮރަޕްޝަނުގެ ތުހުމަތު އޭސީސީއިން ކޮށް، ދައުވާކުރަން ފޮނުވުމުން، ހެކި ނެތް ކަމަށް ބުނެ އަނބުރާ ފޮނުވާލުމާއެކު، މި މައްސަލަ އެންމެ ހޫނު ގަދަވެގެން ދިޔައީ ރައްޔިތުންގެ މަޖިލިސް ތެރޭގައެވެ.

މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަގާމުން ވަކި ކުރުމަށް ހެނދުނު ދަނފަޅީގައި ހިފާލި އިރު، މެންދުރުން ފަހު އިއްޔަތްތެރި މެންބަރުން ތިއްބެވީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ދުރު ކުރުމަށް ހިފާފައެވެ. ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އަމީން ވަކި ކުރުމުގެ މައްސަލައަށް ކުރިއެރުމެއް ނުލިބުމުން، ގިނަ މެންބަރުންގެ ސޮއާއެކު އަމީން ވަކިކުރަން މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފެށީއެވެ.

ނޫސްތަކުގެ ސުރުހީން "ވެންޓިލޭޓަރު"، "ކޮރަޕްޝަން" އަދި "އަމީން" ނުކެނޑިގެން އުޅެނިކޮށް މެންދަމުން އަލިވެގެން ދިޔައިރު އެ ސުރުހީތަކުން ޖާގަ ހޯދީ މިނިސްޓަރު އަމީންގެ އިސްތިއުފާގެ ވާހަކައެވެ. ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައުވާ ނުކުރެވުނު މައްސަލައެއްގައި މިނިސްޓަރު އަމީން އިސްތިއުފާ ދެއްވީއެވެ.

ތާރީހު ތަކުރާރުވީއެވެ. 2015 ވަނަ އަހަރު ވެސް ވީ މިކަހަލަ ގޮތެކެވެ. ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވީއެވެ. އޭރުވެސް ހަމަ ކޮރަޕްޝަނުގެ ތުހުމަތެއްގައެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި އޮންނަތާ 7 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

އޭރު ދައުވާ ކުރަން އުޅުނީ ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުންނިން ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމާފައި ނުވުމުން ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރުމުން، އެ ޖޫރިމަނާ އަމީން މައާފްކޮށް ދެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އޭނާ އެކަން ކުރައްވައިފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން އޭރު އަމީން ވިދާޅުވީ، ކުރާ ކޮންމެ ތުހުމަތަކަށް ސާބިތުކަމާ އެކު ކުރިމަތިލައްވާނެ ކަމަށެވެ. އަދި ނުރަނގަޅު ނުފޫޒުތަކުގެ ބާރުން ޝަހުސިއްޔަތު ކަތިލުމަށް ކުރާ ކަންކަމުގެ ސަބަބުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އޭރު ޕީޖީއަށް މައްސަލައެއް ހުށަހެޅީ ސަރުކާރު ބަދުނާމު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރު ވެންޓިލޭޓަރުތަކުގެ މައްސަލައާއެކު ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމަށް "ވާން" ކުރަނީ ވަކި އޭނާއަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި އެއީ ރައީސް ސޯލިހްގެ ވެރިކަމުގެ އުއްމީދު ނެތިކޮށްލައި، އެމަނިކުފާނު ބަލިކޮށްލުމަށް ބަޔަކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

5 އަހަރު ފަހުން އެއްކަމެއް ތަކުރާރުވެގެން ދިޔައިރު ދެއްކެވީ ހަމަ އެއް ވާހަކަތަކެކެވެ. އޭރު ރައީސް ޔާމީންގެ ސަރުކާރަށް ދިން ހަމަލާއެއްގެ ގޮތުގައި ކޮރަޕްޝަނުގެ ތުހުމަތު ފާހަގަ ކުރެއްވި އިރު، މިފަހަރު އެއީ ރައީސް ސޯލިހްގެ ސަރުކާރަށް ދިން ހަމަލާއެއްގެ ގޮތުގައެވެ.

ގައުމު ބަލިމަޑުކަމެއްގެ ތެރޭގައި އޮވެ، އެތައް ސަތޭކަ ބަޔަކު ނިޔާވެގެން ދާނެ ކަމުގެ ބިރާއެކު ހޯދަން އުޅުނު ވެންޓިލޭޓަރުތައް ހަވައާއި ފަޒާއަށް އަރައިގެން ދިޔައިރުވެސް ދެއްކެނީ ބަހަނާއެވެ. ވެންޓިލޭޓަރުތައް ނުލިބުނުތާގައި މި މައްސަލާގައި ދައުވާއެއް ކުރެވޭނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމުގެ ވާހަކަތަކުން ދޭހަވަނީ ވެންޓިލޭޓަރުތަކާ ގުޅިގެން ޖެހިގެން އުޅެނީ އިދާރީ މައްސަލައެއް ކަމެވެ.

ދެން އަނެއްކާވެސް މި "އިދާރީ މައްސަލަ" އަށް އިތުރު ކުރިއެރުމެއް ނުލިބި ފަސް އެޅި ފޮރުވިގެން ދާނީބާއެވެ. ދިވެހިންގެ ހަނދާނުން މިކަން ފޮހެވިގެންދާހާ ދުވަސް ކުރުމަށް ފަހު އަނެއްކާވެސް މަތީ މަގާމެއް ދީ، ތާރީހު ތަކުރާރު ކުރާނީ ބާއެވެ. ނުވަތަ މާޒީން އިބުރަތް ލިބިގަނެ މިކަންކަން ރަނގަޅުކޮށް، އިންސާފުގެ މަގުން ހިނގާނީބާއެވެ؟