އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެެއްޖެއެވެ.

މިނިސްޓަރު މަލީހު އެހެން ވިދާޅުވެފައި ވަނީ އައިޓީޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19ގެ މި ހާލަތުގައި ޓެކްނޮލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅު ކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެވެސް ކޮވިޑް19ގެ ދަތި ދަނޑިވަޅާއި ކުރިމަތިލާން ޖެހުނު ކަމާއި، ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން މި ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ހާލަތު ބަދަލުކުރުމަށް އައިސީޓީ ވެގެން ދިޔައީ ވަރަށް ބޮޑު އެހީތެރިޔަކަށް ކަމަށާއި ރައްޔިތުންނަށް މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައި ވަނީ ޓެކްނޮލޮޖީ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަނެޓް ވެގެން ދިއުމާ އެކު ސަރުކާރާއި، އައިއެސްޕީ ތަކުން މަސައްކަތް ކޮށްފައި ވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށް ދެވޭތޯ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށް ދެވިފައި ވާކަން ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19ގެ ހާލަތުގައި އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިޔުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށް ދިނުން ގޮންޖެހުމަކަށް ވެގެން ދިޔަކަމާއި، އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިން ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށް ދީފައިވާ ކަން މިނިސްޓަރު މަލީހު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު މަލީހު އިތުރަށް ވިދާޅުވީ އެކަކު އަނެކަކާ ދުރުގައި ތިބެން މިއަދު ޖެހިފައި ވި ނަމަވެސް، އެކަކު އަނެކަކާ ވާޗުއަލީ ގުޅުވައިދޭ އެއްޗަކަށް އައިސީޓީ ވެފައިވާ ކަމަށާއި އެހެންކަމުން، ކޮވިޑް19ގެ މި ހާލަތުން ފިލާވަޅު ނަގައި، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ މިފަދަ ކަމަކަށްޓަކައި މިއަދު އައިސީޓީ ހިދުމަތްތަކުގެ ކޮލިޓީ، ކަވަރޭޖް އަދި އަގު މިހާރަށްވުރެން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

ބްރޯޑްބޭން ސާވިސް ތަކަށް ބަލާއިރު އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމެއް ކަމުގައި ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް19ގެ ހާލަތުގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ހީނަރުކަން އަރައިގަތުމަށް ސަރުކާރުން އެހެނިހެން އިންޑަސްޓަރީތަކަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްފައި ވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ އިންޑަސްޓްރީތައް އުފައްދައި ހިންގަން ބޭނުންވާ އައިސީޓީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށް ދެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި އައިޓީޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، ވިއެޓްނާމްގެ މިނިސްޓާ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ގުޔެން މަން ހުންގް، ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރ ގުޔެން ޒުއަން ފުކް އަދި އެހެނިހެން ޤައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.