ހެލްތް މިނިސްޓަރު ކަމުގެ މަގާމުން، އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ރޭ އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައެވެ. އަމީން އިސްތިއުފާ ދެއްވިއިރު، އޭނާ މިނިސްޓަރުކަމުން ވަކި ކުރަން އެމްޑީޕީގެ ގިނަ މެންބަރަކު ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ސޮއި ކުރައްވާ މަޖިލީހަށް ވައްދާފައެވެ.

އަމީންއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ވައްދަން ރުހުން ދިން އެމްޑީޕީ މެމްބަރުންގެ ލިސްޓު މިހާރު ސޯޝަލް މީޑިއާ ދައުރުވަމުންދާ އިރު މީގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނަޢިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

ދުބާއީ ކުންފުންޏަކުން 75 ވެންޓިލޭޓަރު ގެނައުމަށްކަމަށް ބުނެ ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އޭސީސީއިން އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް ޕީޖީން ވަނީ އެ މައްސަލާގައި ދައުވާ ކުރެވޭހާ ހެކި ނެތް ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ. އެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ، އަމީންގެ އިތުރުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީ މެންބަރުން ހިމެނޭހެން 11 މީހަކަށެވެ.

އޭސީސީން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، އޮޑިޓް ރިޕޯޓުން ވެސް ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާކަން ހާމަކޮށްފައެވެ. 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައިވާއިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.