އިންޓަނެޓް އަގު ހެޔޮކުރަން މަސައްކަތް ނުކުރައްވާތީ ކޮމިއުނިކޭޝަން މިނިސްޓަރުކަމުގެ މަގާމުން މުހައްމަދު މަލީހް ޖަމާލު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ގޮވާލެއްވުމުން ރައްދުގައި އިސްތިއުފާ ދެއްވަން ޖެހެނީ ބޮންޑާ ކަމަށް މަލީހް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން އައިލެންޑް އޭވިއޭޝަންއާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓްގެ ބަހުސްގައި ބޮންޑާ ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
ބޮންޑާ ވިދާޅުވެފައި ވަނީ ކޮމިއުނިކޭޝަން މިނިސްޓަރަށް އިންޓަނެޓް އަގުހެޔޮ ކުރުމަށް މަސައްކަތްތަކެއް ނުކުރެއްވޭތީ އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެ ކަމަށާއި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަންވީ ކަމަށެވެ.
ހަމައެއާއެކު ކޮމިއުނިކޭޝަން މިނިސްޓްރީއަށް ކަންތައްތަކެއް ކުރަން އަންގައި މިދިޔަ ޖޫން މަހު މަޖިލީހުން ގަރާރެއް ފާާސްކޮށްފައިވާ ކަަމަށާއި އެ ގަރާރުގައިވާ ކަންތައްތައް އެ މިނިސްޓްރީން ކޮށްފަައިނުވާ ކަމަށް ވެސް ބޮންޑާ ވިދާޅުވެފައި ވެއެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނޭ ޓެކްނިކަލް ރިޕޯޓެއް ހުށަހަޅަން ރިކޮމެންޑް ކޮށްފައިވާނެ ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.
މިކަންކަމަށް ރައްދު ދެއްވަމުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކޮމިއުނިކޭޝަން މިނިސްޓްރީއާ މަތިކޮށްފައިވާ ކަންކަން "ތުނޑުން ތުނޑަށް" ކުރިއަށް އެބަ ދާ ކަމަށެވެ. ހަމައެއާއެކު މަޖިލީހުން ވަކި ކަމެއް ކުރައްވަން އަންގާފައި ނުވާ ކަމަށާއި އަދި މަޖިލީހުގެ ފަރާތުން ފޮނުވާފައިވާ ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
އެހެންކަމުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތަފްސީލް ބޮންޑާއަށް އެނގިވަޑައިނުގަތުމުން އެކަމުގެ ޒިންމާ މިނިސްޓްރީން ނަގަން ނުޖެހޭނެ ކަމަށާއި ވާނުވާ އެނގިވަޑައިނުގަންނަ ކަމަށް ވާނަމަ އިންތިއުފާ ދެއްވަން ޖެހޭނީ ބޮންޑާ ކަމަށް މަލީހް ވިދާޅުވިއެވެ.
ސަރުކާރުން މިދިޔަ އަހަރު އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތް ފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ހިދުމަތް ލިބޭކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.
އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހު ވަނީ ކުރިން ވިދާޅުވެފައެވެ.
ޙާދަ ފައިދާ ހުރި މަސައްކަތޭ އޭނަ އެކުރަނިީ ރައްޔިތު މީހާގެ ހިދުމަތުގައި