މި ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކުރިމަތިލެއްވި ވަޒީރަކު މަގާމުގައި ހުންނަވައިގެން ބޮޑު ހިޔާނާތެއް ވުމުން އޭނާ ބޭރުކުރަން އެމްޑީޕީގެ މެންބަރުންނަށް ބުނަން ކެރެން ޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު (ޕީޖީ) ގައި މިއަދު ހެލްތު މިނިސްޓަރު އަމީނަށް އިތުބާރު ނެތް ކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ހުށަހެޅުމަށް ތާއިދު ކުރައްވަމުންނެވެ. އީވާ ވިދާޅުވީ، އެމްޑީޕީން ރުހުން ދީގެން ވަޒީރުކަމަށް އައިސް ހުންނެވި ބޭފުޅަކު އެމްޑީޕީގެ ރުހުމާ ހިލާފަށް ވައްކަން ކުރެއްވުމުން މުޅި ރަށުތެރެއަށް އެކަންތައް ފަޅާއަރުމުން މިއަދު އެމޑީޕީން ނުކުމެ އަމީން މަގާމުން ބޭރުކުރަންވީއޭ ބުނަން ޖެހޭ ކަމަށެވެ.
ހެލްތު މިނިސްޓަރު މަގާމުން ދުރުކުރަން ބުނަން އެމްޑީޕީގެ މެންބަރުންނަށް ނުކެރުމަކީ އެ ޕާޓީގެ މެންބަރުން ތިބެގެން އިނގިލި ދިއްކުރާ އެހެން ކޮމިޓީތަކާ އެމްޑީޕީ އެއްވަރު ވުން ފަދަ ކަމެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ.
އެމްޑީޕީއަށް 65 ގޮނޑި ކާމިޔާބު ވެގެން މިހިސާބަށް ދިއުމުން ޖުމްހޫރީ ޕާޓީގެ ފަރާތުން މި ސަރުކާރަށް އައްޔަން ކުރި ވަޒީރަކު އައިސް ބޮޑު ހިޔާނާތެއް ވުމުން އޭނާ ބޭރުކުރަން ސާބިތުކަމާއެކު އެމްޑީޕީގެ މެންބަރުންނަށް ބުނަން ނުކެރިއްޖިއްޔާ ރަށުތެރެއަށް ނުކުމެ މޫނު ދައްކަން ނުކެރޭނެ ކަމަށް އީވާ ވިދާޅުވިއެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި މިއަދު ނެގި ވޯޓުން އަމީނަށް އިތުބާރު ނެތްކަމަށް ލިބިފައިވަނީ 27 ވޯޓެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެއެވެ. އެހެންކަމުން މިއަދު ނެގި ވޯޓުން ވަނީ މިނިސްޓަރު އަމީންގެ އިތުބާރު އޮތް ކަމަށް ފާސްވެފައެވެ.
އަމީންއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ވައްދަން ރުހުން ދިން އެމްޑީޕީ މެމްބަރުންގެ ލިސްޓު މިހާރު ސޯޝަލް މީޑިއާ ދައުރުވަމުންދާ އިރު މީގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ނަޢިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.