ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުުމުގެ މައްސަލައިގައި ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ލިބުނު މައުލުމާތުގެ އަލީގައި ކަމަށެވެ. އެ މަސައްކަތް ކުރައްވާފައި ވަނީ ހެޔޮ ނިޔަތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އޭނާއަށް އެރުވި މައުލޫމާތު މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާ ކުރި ކަމަށާއި އެ މުވައްޒަފުން ޑަބްލިއުއެޗްއޯއަށް ގޮސް އެތަނުގެ ތެރެއިން އެމައުލޫމާތުތައް ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރި ކަމަށެވެ. އަދި ބިޑް ކޮމިޓީއިންވެސް ޑަބްލިއުއެޗްއޯގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަދެކެވުނުކަން ލިޔެކިޔުންތަކުންވެސް އެނގެން ހުރި ކަމަށް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އޮގަސްޓްމަހު މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރުކުރުމުން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެއްދެވި ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވެފައި ވަނި އަމީން މަޖިލީހަށް ދެއްވި އެ މައުލޫމާތަކީ، ސައްހަ ނޫން މައުލޫމާތުތައްކެއް ކަން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ މަޖިލީހުގައި ދެއްވި މައުލޫމާތުތަކުން ހާމަވާ ކަމަށެވެ. އެގޮތުން އޭރު އެ މައްސަލަ ބެލުމަސް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށްވެސް ފޮނުއްވާ މިނިސްޓަރު އަމީން ވަނީ ހާޒިރު ކުރައްވާ ސުވާލު ކުރައްވާފައެވެ.