މި ދިޔަ ހޯމަ ދުވަހުގެރޭ އައްޑޫ ހިތަދޫގައި ހިންގި ބޮޑު މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ޒުވާނެއް ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައި ވަނީ އެ ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި 2 ގްރޫޕެއް ދެމެދުގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އަދި އެ ހާދިސާ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ދަންވަރު 12:28 ހާއިރު ކަމަށެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައިވާ ނަމަވެސް އޭނާގެ ހާލު ރަނގަލުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގެ އެތަން މިތަން ވަނީ ޒަހަމް ވެފައެވެ. އެގޮތުން އަރިކަށީގެ ބޮޑު ބައެއްވެސް ވަނީ ވަރަށް ބޮޑުކޮށް ޒަހަމްވެފައެވެ. ޒަހަމްވެފައި ވަނީ ފިރިހެނެކެވެ. މި ކަމާ ގުޅޭ ގޮތުން އަދި އެ ހޮސްޕިޓަލުން މައުލޫމާތު ސާފުވާ ގޮތެއް ނުވެއެވެ.