މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފުރިހަމަ ބޭނުން ކޮށްފި ނަމަ ރާއްޖޭގައި ނޫސްވެރިކަމަށް "ރަންވަޅުވަޅު އެބަ ހުރި" ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ފިޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގައި މަސައްކަތް ކުރާ ފަރާތްތަކުން ނުވަތަ ރައިޓް ޓު އިންފްމޭޝަން (އާރްޓީއައި) އެކްޓިވިސްޓުން ހޯދާ މައުލޫމާތުން ހަބަރު ހޯދުމުގެ އިތުރުން، އިންވެސްޓިވޭޓިވް ރިޕޯޓު އަދި އިންޑެޕްތު ރިޕޯޓު ހެދުމަށް ނޫސްވެރިން މިހާރަށް ވުރެ ބޮޑަށް ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށެވެ. އަދި މިފަދަ ފަރާތްތަކުގެ ފުރިހަމަ ބޭނުންކޮށްފިނަމަ ނޫސްވެރި ކަމަށް 'ރަންވަޅު' އެބަހުރިކަން ފާހަގަ ކުރައްވާ ފިޔާޒް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިން ޖެހޭނީ 'ހީވާގިވެލަން' ކަމަށެވެ.

އާރްޓީއައި ބޭނުން ކޮށްފި ނަމަ ނޫސްވެރި ކަމަށް "ރަންވަޅުވަޅު އެބަ ހުރި" ޖެހެނީ ހީވާގިވެލަން
ހުސައިން ފިޔާޒް މޫސާ

ފިޔާޒް ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުން އެ ހައްގުގެ ބޭނުން ކުރަމުންދާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށް ފިޔާޒް ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އަންނަނީ ކުރަމުންނެވެ.