ކުރިއަށް އޮތީ ފިނި މޫސުމުގެ ދުވަސްވަރު ކަމަށްވެފައި، ދީނާއި ސަގާފަތާ ގުޅިފައިވާ ގިނަ ހަރަކާތްތަކެއްވެސް އެ މުއްދަތާ ދިމާވާއިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފިނަމަ، މަހަކު 2.6 މިލިއަނެއްހާ މީހުން މި ބައްޔަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމުގެ އިންޒާރު، ސައެންސްވެރިންގެ ޕެނަލަކުން ދީފިއެވެ.

އިންޑިއާގެ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 އިންޑިއާ ނޭޝަނަލް ސުޕާމޮޑެލް ކޮމިޓީއިން ބުނީ، އިންޑިއާއިން ކޮވިޑް-19ގެ ޕީކް ހުރަސްކޮށްފައި ވާ ކަމަށާ، 2021 ވަނަ އަހަރުގެ ކުރީކޮޅު ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭ ވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، އެކަން ހާސިލުވާން އޮތީ، ރައްކާތެރި ކަމުގެ ގޮތުން އަޅާ ހުރިހާ ފިޔަވަޅެއްވެސް ދަމަހައްޓައިގެން ކަމަށެވެ.

ކޮމިޓީއިން ބުނީ މިހާރުވެސް ތަންފީޒު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަންމާލައިފިނަމަ ފެބުރުވަރީ މަސް ނިމޭއިރު އެކްޓިވް ކޭހުގެ އަދަދުވެސް އިންތިހާއަށް ދަށް ކުރެވޭނެ ކަމަށެވެ. އަދި ބަލިމަޑުކަމަށް ނިމުން އަންނައިރު، އިންޑިއާއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10.6 މިލިއަނަށް އަރާނެ ކަމަށްވެސް އެ ޕެނަލުން ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ކޭސް ނަމްބަރުތަކުން އިންޑިއާ އޮތީ 2 ވަނައަށެވެ. ނަމަވެސް، މިހާރު ކޭސް އިތުރުވަމުން ދާ ގޮތަށް ބަދަލެއް ނައިސް ކުރިއަށް ދާންވެއްޖެ ނަމަ، އަންނަ މަހު، 1 ނަމްބަރު ރޭންކަށް އިންޑިއާ އާރާނެ ކަމަށްވެސް ލަފާކުރެވެއެވެ.

ޖޫން މަހުން ފެށިގެން އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް، ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން ކޭސް ނަމްބަރުތައް ވަނީ ހިސާބަކަށް މަޑުޖެހިލާފައެވެ.